"ޕޭ ހާމަނައިޒޭޝަން"ގެ މަސައްކަތް ނިމޭއިރު ދައުލަތުގެ ހުރިހާ ދާއިރާއެއްގެ މުވައްޒުންގެ މުސާރައަށްވެސް ކުރިއެރުން އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު ލެކްޗަރާއިންގެ މުސާރަ ބޮޑުނުކުރާ ކަމަށް ބުނެ އެކަމާއި ބައެއް ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒްކުރުންކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެމަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާނެކަމަށެވެ.

ފިނޭންސް މިނިސްޓްރީނުގެ ބަޔާނުގައި އިތުރަށް ބުނީ، އެއްހަމަ ޕޭ ފްރޭމްވާކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު އެއް މަސައްކަތްކަމަށާއި ދައުލަތުގެ ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި ޢިނާޔަތް ދެމުންދިޔަގޮތަށް ބަދަލުތަކެއް ގެނެވޭނެކަމަށެވެ. އެގޮތުން ފުރަތަމަކަމަކަށް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ކުރީގައި އެއް މަޤާމެއްގައި އެއް މަސައްކަތެއްކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތައިލެވޭނެކަމަށާއި، އެގޮތުން މިމަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެކަމަށާއި، އެގޮތުން ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މި މަސައްކަތް ކުރިޔަށް ގެންގޮސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރެވިގެންދާނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ދީފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުވެސް ވަނީ ލެކްޗަރާއިން އައު ފްރޭމް ވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ނިމުމަކާ ހަމައަށް އަންނާނެކަމަށް ވިދާޅުވެފައެވެ. ފިނޭންސް މިނިސްޓަރގެ އިތުރުން ޓީޗަރުންގެ މުސާރަ ބޮޑުކުރައްވައި އެކަން އިޢުލާންކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް ތަޢުލީމީ ދާއިރާގެ އިތުރުން ޞިއްޙީ ދާއިރާއާ އެނޫންވެސް ދާއިރާތަކަށް އެބަދަލު އަންނާނެކަން ހާމަކުރައްވާފައިކަން ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު