ރައީސް ޞާލިޙް އަދި ރައީސް ނަޝީދު --
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު --
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަންދުން ޙުސެއިން) އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް ވާގިވެރިވާ އިސް ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ތުހުމަތު ތަކެއް ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދަ ތުހުމަތުތަކެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ހިނގި ހޫނު ބަހުސެއްގައެވެ.

އެ ގުރޫޕްގައި ފެށުނު ބަހުސެއްގައި ރައީސް ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްފަރާތަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަންދުން ޙުސެއިން) ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާ އާއި ގުޅޭ ތަހުގީގުގެ ކަންކަން ފޮރުވުމަށް އަނދުން ހުސެއިން މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އަދުން ހުސެއިން ވަނީ، އެ ބޭފުޅާއަކީ އެފަދަ ކަމެއް ކުރެއްވޭނެ ބޭފުޅެއް ނޫންކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވުމުން ރައީސް ނަޝީދު އަނެއްކާވެސް އަދުން ހުސެއިނަށް ރައްދު ދެއްވިއެވެ.

"އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ، މިކަން ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ޙުސެއިން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެވާހަކަތަކާއި ގުޅިގެން އަނދުން ހުސެއިން ވަނީ މީހުންގެ ބޮލުގައި ކަންކަން އަޅުވާއިރުވެސް ހައްދެއް އޮންނަންވާނެ ކަމަށާއި އެއީ ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމުން އަޅުވަން ޖެހޭ ބަދުނާމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި އަދުން ހުސެއިން ތާއީދު ކުރައްވަނީ ރައީސް ޞާލިޙްގެ ކެނޑިޑޭޓު ފައްޔާޒު އިސްމާއިލަށެވެ.

ހުސެއިން އެހެން ވިދާޅުވުމުން ވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނު ވިދާޅުވާ ބަސްފުޅު ތަކުރާރު ކުރަށްވައި އޭނާއަށް އިތުރަށް ރަށްދު ދެއްވާފައެވެ. އަނދުން ހުސައިނަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ އަނިޔާވެރިކަމަށްވެސް ހައްދެއް އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަނެއްކާވެސް ކުރިން ކުރެއްވި ތުހުމަތު ތަކުރާރު ކުރެއްވިއެވެ.

"މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާއާއި އާރުކާޓީ." ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދު އެ ވިދާޅުވާ އާރްކާޓީއަކީ ކޮން ބޭފުޅެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

ފާހަގަ ކޮށްލެވޭގޮތުގައި، މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙްގެ ފެކްޝަނުގެ އިސް ބޭފުޅަކަށް އަމާޒު ކުރައްވާ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރެއްވި އެންމެ ފާޅުކަން ބޮޑު ތުހުމަތުވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު