ރާއްޖޭގައި އަލުން ޓެލެމެޑިސިންގެ ޚިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގައި މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ޓެލެމެޑިސިންގެ ޚިދުމަތް ބައެއް ސަރަހައްދުތަކުގައި ފެށިނަމަވެސް އެމަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދުވުމުން ޓެލެމެޑިސިންގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންދިޔަކަމަށެވެ. އެހެންކަމުން ސިއްޙީ ދާއިރާއަށް ގެންނަ ތަރައްޤީގެ ދަށުން މުޅި ރާއްޖެއަށް ޓެލެމެޑިސިންގ ފުޅާކުރުމަށް ނިންމާފައިވާކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އެގޮތުން އެންމެ ފުރަތަމަ އެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ފ. އަތޮޅުގައިކަމަށާއި، އޭގެ ޕައިލެޓް ޕްރޮޖެކްޓް އަންނަ ޖުލައި މަހުގެ 26ގެ ކުރިން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ޓެލެމެޑިސިންގެ ޚިދުމަތަކީ އޮންލައިންކޮށް ނުވަތަ ވަރޗުއަލްކޮށް އެކި ހިސާބުތަކުގައި ތިބޭ ބަލި މީހުންނާއި ޑޮކްޓަރުން ގުޅުވައިދީގެން ދޭ ހިދުމަތެކެވެ. އެގޮތުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް ކުޑައަގެއްގައި ދެއްކޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު