އޭސީސީގެ ރައީސްކަން ނުލިބުމަކީ ސަރުކާރު ވައްޓާލަންޖެހޭ ސަބަބެއް ނޫންކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރޕާސަން އިސްމާއިލް ޒަރިޔަންދަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދަކީ ކޯލިޝަން ސަރުކާރަށް ތާއީދުކުރާ މެމްބަރަކަށްވާއިރު، ޒަރިޔަންދަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ސަރުކާރަށް ހެޔޮބަސްތައް ވިދާޅުވެ ސަރުކާރަށް ތާއީދުކުރަށްވައި ނިހާދު ވާހަކަދައްކަވަމުންދާއިރު، ޒަރިޔަންދު ފެންނަނީ ސަރުކާރުގެ ތެރޭގައި ހުންނަކަމަށް ބުނާ މައްސަލަތައް މީސް މީޑިއާގައި ހާމަކުރަށްވައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރަށްވާ އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރަށްވާ ފަދައިން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތްކަމަށް ޒަރިޔަންދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ނިހާދު މިރޭ ވިދާޅުވީ ތިމާ ބޭނުންވާ ބޮޑު މަޤާމް ނުލިބުމަކީ މުޅި ދައުލަތް އޮރިޔާން ކޮށްލަން ނިކުންނަން ޖެހޭ ސަބަބެއް ކަމުގައި ދެކޭނަމަ އެއީ އެ ވިއްކާ އަސާސްތަކާއި އުސޫލްތަކާއި ޚިލާފު ނަޒާހާތްތެރި ކަމެއް ނެތް އަމިއްލަ އެދުންކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސްކަމުގެ މަޤާމު ނުލިބުމަކީ ސަރުކާރު ވައްޓާލަން ޖެހޭ ސަބަބެއް ނޫންކަމަށްވެސް ނިހާދު ވިދާޅުވިއެވެ.



ބެލެވޭ ގޮތުގައި ނިހާދު މިފަދައިން ވިދާޅުވީ އޭސީސީއަށް ޒަރިޔަންދު އައްޔަން ނުކުރުމުން އެކަމާއި ޒަރިޔަންދު ހިތްހަމަނުޖެހިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ މައްސަލައިގައެވެ.

އޭސީސީގެ ރައީސްކަމަށް ވެވަޑައިގަތުމުގެ ޝަޢުޤުވެރިކަން ޒަރިޔަންދު ފާޅުކުރެއްވި ނަމަވެސް، އޭސީސީއަށް އައްޔަންކުރަން ރައީސް ސާލިހު މަޖިލީހަށް ފޮނުއްވެވި ނަންފުޅުތަކުގެ ތެރޭގައި ޒަރިޔަންދުގެ ނަމެއް ނުހިމެނެއެވެ. އޭގެފަހުން އޭނާ ގެންދަވަނީ މެދުކެނޑުމެއްނެތި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު