ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ތުނޑި ދުންފިނިއުފާ، އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ވިދާޅުވެ އެމަނިކުފާނު ދެެއްކެވި ވާހަކަފުޅު ފުލުހުންް ދޮގުކޮށްފިއެވެެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން، ތުނޑި ދުންފިނިއުފާ، އަޙްމަދު ފާތިހަކީ އެ ހަމަލާ ދިންއިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއްކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ. އަޙްމަދު ފާތިހު ފުލުހުންގެ ވަޒީފާ އާއި 2018 ނޮވެމްބަރ 25 ވަނަ ދުވަހު ގުޅުމަށްފަހު، 2021 ފެބްރުއަރީ 03 ވަނަ ދުވަހު ވަނީ އަމިއްލައަށް އެދިގެން ފުލުހުންގެ ވަޒީފާއިން ވަކިވެފައި ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އަހުމަދު ފާތިހަކީ ހަމަލާދިންއިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ނޫންކަން، މިމައްސަލައިގެ ތަޙުޤީޤުކުރަމުން ދިޔައިރު، ތަޙުޤީޤު ހިނގާ ނުހިނގާގޮތް ބެލުމަށް އެކުލަވާލި ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ޚިދުމަތުން ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މި މަޢުލޫމާތު މިޑިއާތަކަށްވެސް ކުރިން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.



މީގެ އިތުރުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ ތުހުމަތަށް އަޙްމަދު ފާތިހު ހައްޔަރުކުރުމަށްފަހު ތަޙުޤީޤު ނިންމައި، ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށާއި ނަމަވެސް، ފާތިހުގެ މައްޗަށް ދައުވާކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާތިހުގެ މައްޗަށް ދައުވާ ނުކުރީ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ހޯދައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު