ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ހައްޔަރުކުރީ އެމަނިކުފާނު އަންގަވައިގެން ނޫން ކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ވިލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕިއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ހައްޔަރުކުރީ އެމަނިކުފާނުގެ އަމުރަށް ނޫން ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަން ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ތަކެއް ކުރި ކަމުގެ ތުހުމަތު ތަކެއްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ޖަލުގައި ހައްޔަރު ކުރި ނަމަވެސް މިއީ މިހާތަނަށް ރައީސް މައުމޫން ހައްޔަރުކުރީ ރައީސް ޔާމީންގެ އެންގެވުމަށް ނޫންކަމަށް ފާޅުގައި އެމަނިކުފާނު ވިދާޅުވި ފުރަތަމަ ފަހަރެވެ.

ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން ރައީސް ޔާމިން ވިދާޅުވީ މައުމޫން ހައްޔަރުކުރީ ކުށެއް ނުކުރައްވާ ހުއްޓާ ނޫން ކަމަށެވެ. ރައީސް މައުމޫން ހައްޔަރުކުރީ ދައުލަތުގެ ހައްގަކަށް އަރައިގަނެ ސްޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން އެމަނިކުފާނު ހައްޔަރުކުރުމަށް ދައުލަތަށް މަޖުބޫރުވުމުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ނިންމުމެއް ކަމަށެވެ.

"މީގައި ހަގީގަތް ނޭގޭތީ އަޅުގަނޑު މިދަންނަވާލަނީ، އެއީ އަޅުގަނޑުގެ ނިންމުމެއް ނޫން. ރައީސް ނިންމާ މިކަހަލަ ބޮޑެތި ކަންކަން ނިންމާއިރު އޮންނާނެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއެެއް. އެއީ ވަޒީރުންގެ ކޮމެޓީއެއް. އެ ކޮމެޓީގައި ތިބޭނެ މުހިންމު ދާއިރާތަކުގެ ވަޒީރުންގެ އިތުރަށް އެކޮމެޓީގައި ތިއްބަވާނެ އެމްއެންޑީއެފްގެ ޗީފާ ވައިސް ޗީފާ، އެބޭފުޅުން ދުނިޔޭގައި ތިއްބެވި ބޭފުޅުން ހާޒިރުވާނެ. އަޅުގަނޑެއް ނޫން ރައީސް މައުމޫން ޖަލަށްލާން ނިންމީ. އެކީ ކޮމެޓީގެ ނިއްމުމެއް އެމައްސަލަ އިސްވެ ހުށައެޅީ ވެސް އަޅުގަނޑެއް ނޫން. ރައްޔިތުންނާއި ހަމަޔަށް މި ހަގީގަތް ވެސް މިދަންނަވާލީ" ރައީސް ޔާމިން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލުމަށާއި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ ފަސް ވަނަ ދުވަހު ރައީސް ޔާމިން ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށްފަހު ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ރައީސް މައުމޫނާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ޖަލު ޙުކުމް ވެސް ވަނީ އިއްވާފައެވެ. ރައީސް މައުމޫން މިނިވަންވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު