އަތޮޅުތަކުގެ 5 ސްކޫލެއްގެ އުމްރާނީ ތަރައްގީއާ ގުޅޭ މަސައްކަތްތައް ހަވާލުކޮށްފިއެވެ.

މިއަދު ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި، ގދ. ހޯނޑެއްދޫ ސްކޫލް 2 ކުލާސްރޫމް، ލެބް އަދި އައި.ސީ.ޓީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން ހިމެނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށަހަޅާފައިވަނީ 6,663,706.92ރ (ހަމިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ހަ ރުފިޔާ ނުވަދިހަ ދެލާރި) އެވެ. އެކުންފުނިން މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދޭނެ ކަމަށް ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުﷲއެވެ.

މިއަދު ހަވާލުކުރި އަނެއް މަސައްކަތަކީ މ. ނާލާފުށި ސްކޫލް 2 ބުރި އިމާރާތުގެ މަސައްކަތެވެ. މި މަސައްކަތުގެ އެގްރިމަންޓްގައި މިއަދު ސޮއިކޮށްފައިވާއިރު، މި މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 7,665,999.23ރ (ހަތްމިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ތޭވީސް ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވައިދެއްވާގޮތަށެވެ.

މ .މުލަކު ސްކޫލްގެ 03 ބުރި އިމާރާތުގެ މަސައްކަތް ވެސް މިއަދު ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެކުންފުނިން މ.މުލަކު ސްކޫލްގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,052,575.27ރ (ނުވަމިލިޔަން ފަންސާސް ދެހާސް ފަސްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތާވީސްލާރި) އަށް 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އެއިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލެވެ.

މިއަދު ހަވާލުކުރި އަނެއް މަސައްކަތަކީ ށ.ނޫމަރާ ސްކޫލް 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން ށ.ނޫމަރާ ސްކޫލް 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,681,385.59ރ (ހަތަރުމިލިޔަން ހަސަތޭކަ އަށްޑިހަ އެއްހާސް ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާ ފަންސާސް ނުވަލާރި) އަށް 109 ދުވަހުގެ ތެރޭގައި ނިންމަވައިދޭ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ގއ. މާމެންދޫ ސްކޫލުގެ 2 ކްލާސްރޫމް ޕްރޮޖެކްޓް އަދި ބައު ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލުމުގެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

ގއ. މާމެންދޫ ސްކޫލްގެ ޕްރޮޖެކްޓް ހަވާލުކުރީ 2,371,136.89ރ އަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.

ބައު ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ ޕްރޮޖެކްޓް ހަވާލުކުރީ 2,491,000ރ އަށް 75 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު