ކެމްޕޭންގައި ފައްޔާޒު ތ. ބުރުނީގައި
ކެމްޕޭންގައި ފައްޔާޒު ތ. ބުރުނީގައި
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލްގެ ޓީމް، އެ އިންތިހާބުގެ ކެމްޕޭންގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކޮށްފިއެވެ.

ކެމްޕޭނަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ފައްޔާޒުވަނީ ތ. ބުރުންޏަށް ވަޑައިގެންފައެވެ. ފައްޔާޒު އެރަށަށް ވަޑައިގެންނެވިއިރު، އޭނާއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ އާންމު މެންބަރުންވަނީ މަރުހަބާ ކިޔުމަށް ބަނދަރުމައްޗަށް ޖަމާވެފައެވެ.

މި ކެމްޕޭންގައި ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރައްވާ ރޮޒޭނާ އާދަމްވަނީ އެކި ރަށްރަށަށް ވަޑައިގެން ފޯރިގަދަ ޖަލްސާތަކެއް ވެސް ބާއްވާފައެވެ. އެގޮތުން، އައްޑޫ ސިޓީއާއި ފުވައްމުލައް އަދި ރ. އަތޮޅު ދުވާފަރުގައި ބޭއްވި ޖަލްސާ ފާހަގަ ކުރެވެއެވެ.

"ހިންގާލުމުގެ ސިލްސިލާއިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު މިނިމުނީ ކޮޅުމަޑުލުން. މުޅިރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެމްބަރުންގެ އަޒުމާ ހިތްވަރަށް ސާބަހާ ޝުކުރު ދަންނަވަން." އަތޮޅުތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ފައްޔާޒު ވިދާޅުވިއެވެ.



ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ހުރިހާ ރަށަކަށްވެސް ވަޑައިގެން ދަތުރު ނިންމަވާލައްވަމުން، އެ އަތޮޅުގެ އާންމު މެންބަރުން އެންމެ އެދޭ ކަންތަކަކަކީ ކޮބައިކަން ފައްޔާޒު ގެންދެވީ ހާމަކުރައްވަމުންނެވެ. އެގޮތުން، ވަޑައިގަންނަވާ ކޮންމެ އަތޮޅަކުންވެސް އެދެނީ އެމްޑީޕީގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށާއި، ރަށްރަށުގެ ޖަގަހަތަކާއި ހަރަކާތްތައް ފުޅާކުރުމަށާއި އެ ތަންތަން ހިންގޭނެ ގޮތެއް ވެގެން ދިޔުމަށްކަމަށް ފައްޔާޒުވަނީ ވިދާޅުވެފައެވެ.

މިމަހުގެ 14 ގައި އޮންނަ އެމްޑީޕީ ޗެއަރޕާސަންގެ އިންތިހާބު ވެފައިމިވަނީ މިހާތަނަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ވާދަވެރި، އެންމެ ފޯރިގަދަ އަދި ޕާޓީ ތެރޭގައި އެންމެ ބޮޑު ނުތަނަވަސް ކަމެއް ވެސް އުފެދިގެންދިޔަ އިންތިހާބަކަށެވެ. ހާއްސަކޮށް އިންތިހާބުގެ ވާދަވެރިކަން ބޮޑުވީ، ޕާޓީގައި އުފެދިފައިވާ ރައީސް ޞާލިޙްގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނުން ދެ ކެންޑިޑޭޓުން ނެރުމުން ދެބޭފުޅުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަން ފެންމަތިވެގެން ދިއުމުންނެވެ.

މި އިންތިހާބުގައި ފައްޔާޒާއި ދެން ވާދަކުރައްވަނީ، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީއެވެ.



ކިޔުންތެރިންގެ ހިޔާލު