ފިލިޕީންސްގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނި ވޯޓުން ކުރީގައި އުޅެނީ ކުރީގެ ރައީސް މާކޯސްގެ ދަރިކަލުން ފަރޑިނާންޑް މާކޯސް ޖުނިއަރކަމަށް ހަބަރުތައް ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުން އިންތިހާބުގައި ވޯޓުލި 98 އިންސައްތަ ވޯޓް ފޮށީގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅެނީ މާކޯސް ޖޫނިއަރއެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި އިންތިހާބެއްގެ ފުރަތަމަ ބުރުން 50 އިންސައްތައަށްވުރެ ބޮޑު އަގްލަބިއްޔަތަކާއެކު ފިލިޕީންސްގެ ރިޔާސީ އިންތިހާބެއް ކެނޑިޑޭޓަކު ކާމިޔާބުކުރާ ފަހަރަކަށް ވެގެންދާނެއެވެ. ނަމަވެސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ މިމަހުގެ ފަހުކޮޅުއެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިހާބުގެ ކުރީގައި، ކުރީގެ ރައީސް މާކޯސްގެ ދަރިކަލުން މާކޯސް ޖުނިއަރ އުޅުއްވާއިރު، އޭނާގެ ރަނިންމޭޓް ނުވަތަ ނާއިބު ރައީސަކަށް ހުންނަވާނީ މިހާރުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަލުން ސާރާ ޑުޓާޓޭއެވެ. އެހެންކަމުން މިއީ ފިލިޕީންސްގެ އެންމެ ވަރުގަދަ ސިޔާސީ ދެ އާއިލާގެ ވަރުގަދަ ކޯލިޝަނެކެވެ.

މާކޯސް ޖުނިއަރ ނުވަތަ މަޝްހޫރު ނަމުންނަމަ "ބޮންގބޮންގ" މާކޯސް ފިލިޕީންސްގެ ވެރިކަމަށް އިންތިހާބުވުމާއި ގާތްވެފައިވާއިރު، މިއީ ތާރީހީގޮތުން ފާހަގަކޮށްލެވޭނެ ކަމެކެވެ. އެއީ އޭނާގެ ބައްޕާފުޅު ފަރޑިނާންޑް މާކޯސްއަކީ 20 އަހަރު ފިލިޕީންސްގައި ވެރިކަންކުރެއްވި ބޭފުޅެކެވެ. ނަމަވެސް ކޮރަޕްޝަނާއި އަނިޔާވެރިކަން ބޮޑުވުމުން 1986 ވަނަ އަހަރު އެ ގައުމުގެ ރައްޔިތުން ނިކުމެ ކުރި މުޒާހަރާތަކާއެކު މާކޯސްގެ އާއިލާ ފިލިޕީންސް ދޫކޮށް ހަވާއީއަށް އަމިއްލައަށް އަރުވާލެވުނެވެ.

އުމުރުފުޅުން 64 އަހަރުގެ މާކޯސް ޖުނިއަރ ފިލިޕީންސްގެ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ 1991 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ގެންދަވަނީ ގާނޫނު ހަދާ މަޖިލިސް ނުވަތަ ފިލިޕީންސްގެ ސެނެޓްގެ މެމްބަރުކަމުގެ މަގާމު އަދާކުރައްވަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ބޮޑު އަގްލަބިއްޔަތަކާއެކު މާކޯސް ޖުނިއަރ އިންތިހާބު ކާމިޔާބުކުރެއްވި ނަމަވެސް އޭނާގެ ވެރިކަން އަމާން، އޮމާންކޮށް ދާނެ ކަމާއި މެދު ޝައްކުތަކެއް އެބަހުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން