ކުޑަކުދިންނާބެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީ ކީއްވެތޯ ވިދާޅުވެ ކުރީގެ ޖެންޑަރ މިނިސްޓަރ އަނީސާ އަހުމަދު ސުވާލު ކުރައްވައިފިއެވެ.

ނިޝާން އިއްޒުއްދީނު އިއްޒަތުގެ ވެރިޔާގެ ލަގަބު ދައުލަތުން އަރުވާފައިވާ އަނީސާ އަހުމަދު ވިދާޅުވީ އެތައް ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަަމަށެވެ. ކުރީގެ ވަޒީރު އަނީސާ މިހެން ވިދާޅުވީ އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލުމާއި ގުޅިގެންނެވެ. ފުލުހުން މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ 55 އަހަރު އެ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމަށް އަމިއްލަ ޖަމިއްޔާއެއް ހައްދަވައިގެން ހަރަކާތްތެރިވެ ވަޑައިގަންނަވާ އަނީސާ އަހުމަދު ވިދާޅުވީ އިއްޔެ ނޫސްތަކުގަ އޮތީ އެތައް ކުދިން ތަކަކަށް ޖިންސީ އަނިޔާ ދިން މީހާ ދޫކޮށްލި ވާހަކަ ކަމަށާއި މިއަދު އޮތީ އެހެން ކުއްޖަކަށް އެ އަނިޔާ ލިބިފައިވާ ކަމުގެ ވާހަކަ ކަމަށެވެ.



"މި ނުބައި އަނިޔާވެރިން އިންސާފުގެ ކުރިމައްޗަށް ނުގެނެވީ ކީއްވެ؟" ޖެންޑަރ މިނިސްޓްރީ ޓެގް ކުރައްވައި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ކުރެއްވި އަނީސާ ސުވާލު ކުރެއްވިއެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު މާލޭގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެ ކުއްޖާ ދެ އަހަރު ދުވަސް ވަންދެން ރޭޕްކުރި ކަމަށް ތުހުމަތުކުރެވެނީ އެކުއްޖާގެ މަންމަގެ ލޯބިވެރިޔާ އަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އަންނަނީ އިތުރުވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު