ރާއްޖޭގެ ޖަލުތަކާއި ބެހޭގޮތުން ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިން ދެއްކެވި ވާހަކަފުޅަށް، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ފާޑުވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރ ޔުމްނާއަށް އަމާޒުވެއްޖެއެވެ.

މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޔުމްނާ މައުމޫން ރައީސް ޔާމީނަށް ފާޑު ވިދާޅުވީ، ރާއްޖޭގެ ޖަލުތައް ބޮޑުކުރަންޖެހޭކަމަށް ވިދާޅުމެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަކާއި ގުލިގެންނެވެ.

ވިލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕިއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުން ރަައީސް ޔާމިން ވިދާޅުވީ، ރާއްޖޭގެ ޖަލުތަށް ބޮޑުތަނުން ބޮޑުކުރަންޖެހޭ ކަމަށެވެ.

ރައީސް ޔާމިންގެ މި ވާހަކަފުޅާއި ގުޅިގެން މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްކަމަށްވާ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ޖަލުތައް ބޮޑުކުރަނީ ހުރިހާ ރައްޔިތުން ޖަލަށްލާންތޯ ސުވާލު ކުރައްވާފައެވެ.

"ޖަލުތައް ބޮޑުކޮށް ހުރިހާ ރައްޔިތުން ޖަލަށްލާނީ ދެއްތޯ؟ ކުރީގައި ޖަލަށް ލެވުނުވަރު މަދީ ދެއްތޯ؟" ބޮޑުބޭބެއަށް ފާޑު ވިދާޅުވަމުން ޔުމްނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އަމާޒުކޮށް ޔުމްނާ ކުރެއްވި ޓްވީޓަށް ޕީޕީއެމްގެ ލީޑަރޝިޕުން ނުވަތަ ރައީސް ޔާމީން ރައްދު ދެއްވުމުގެ ކުރިން އާއްމުން ވަނީ ޔުމްނާއަށް ރައްދު ދީފައެވެ.

މިނިސްޓަރ ޔުމްނާއަށް ރައްދު ދިން ގިނަ މީހުން ބުނީ ޔުމްނާއަކީ ޖަލުތަކުގެ ވާހަކަދައްކަން "ރީތީ" ބޭފުޅެއް ނޫންކަމަށެވެ. އަދި އެކަމަނާގެ ބައްޕާފުޅުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ދިވެހި އެތައް ރައޔިތުންނެއް ނުހައްގުން ޖަލަށްލާފައިވާކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

"ކަމަނާގެ ބައްޕަ އަކީ ހާހުން ރައްޔިތުންނަށް އަނިޔާ ދީފައިވާ މިގައުމުގެ ބޮޑު ޤައްދާރެއް. އެތަށް ހާސް ރައްޔިތުންނަށް ނުހައްގު އަނިޔާއާއި ބޭއިންސާފުން ބައްޕަ ވަނީ އެތަށް ކަމެއްކޮއްފައި. ގާނޫނީ ވެރިކަމެއް ވައްޓާލަން ބައްޕަ ވަނީ ޝަރުޢީ ނިޒާމް މުޑުދާރުކޮއްފައި ދެން ކީއްވެ ޖަލަށް ނުލާންވީ." އާއްމުންގެ މީހަކު ޔުމްނާއަށް ރައްދުދެމުން ބުންޏެވެ.



ޔުމްނާއަށް ރައްދު ދިން ބައެއް ފަރާތްތަކުން ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި މީގެކުރިން ބަޑިޖަހައި އެތައް ބަޔަކު މަރާލިކަންވެސް ފާހަގަކޮށްފައެވެ.

"ރައްޔިތުން ޖަލަށް ލާ ވާހަކަ ދައްކަން އެންމެ ހެޔޮ ކަން ބޮޑު ކަމަނާ ތީ. ބައްޕާފުޅު ގާތު އަހާލަބަލަ ޖައްވަށް ހަވަޔަށް ފަޒާއަށް ބަޑި ތަޅާ ކިތައް ދަރިން ތޯ، ކިތައް ފިރިން ތޯ، ކިތައް ބައްޕަ ތޯ، ކިތައް ބޭބެތޯ އެމީހުންގެ އާއިލާތަކާ ވަކިކޮށް ދުނިޔެއިން ނެތި ކޮށްލީ." އާއްމުންގެ މީހަކު ބުންޏެވެ.



ބައެއް މީހުން ޔުމްނާގެ ވާހަކަތައް ސިފަކުރީ "ގުދޯ ގުދޯ" ގޮވުން ފަދަ ކަމެއްގެ ގޮތުގައެވެ.

"ޖަލޭ ކިޔައިގެން އަނގަ ހުޅުވޭނެ ވަރުގެ މީހެއް ނޫން ތިޔަކީ.. ޔުމްނާގެ ބައްޕަ 30 އަހަރު ވެރިކަން ކުރި އިރު، ކިތަށް ހާސް މީހުނަށް ހައްގުން ކަމަކާ ނުލާ ޖަލަށް ލައިގެން އަނިޔާ ކުރި؟ ގުދޯ ގުދޯ ނުކިޔާ މަޑުން ހުރޭ. މިހާރު ތިޔައީ އޮއްސިފަ ތިބި ބައެއް. ހަސަދައިގެ އަލިފާނުގައި އަންދަމުން ދާ ބައެއް." އާއްމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ބެލެވޭ ގޮތުގައި ރާއްޖޭގައި 30 އަހަރު ވެރިކަންކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޖަލުތަކުގެ ވާހަކަދެއްކެވެމުން އާއްމުންނަށް މާބޮޑަށް އެކަން ކަމަކުނުދިޔައީއެވެ. އޭގެ ބަދަލުގައި ޖަލުގައި އަނިޔާ ލިބިފައި ތިބި ބަޔަކު މި ވާހަކަ ދެއްކިނަމަ މާރަނގަޅުވީސްކަމަށް ގިނަ ބަޔަކު ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު