އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިންގ (ޓިވެޓް) ސެންޓަރުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފައިވާކަމަށެއެވެ.

މި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާ، އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި 3 ބުރިއަށް ވާ ގޮތަށް އިންސްޓިޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

މި އިންސްޓިޓިއުޓްގައި އަޅާ ކްލާސްރޫމް، ލެބް އަދި ވޯކްޝޮޕްތަކުގައި 20 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ. އެހެންކަމުން އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކެޕޭސިޓީ މި އިންސްޓިޓިއުޓްގައި ހުންނާނެއެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ.

ރ. އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓަށް ހަވާލު ކުރެވިފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު