މާލޭގައި ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރުކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ.

އޭނާ ބަންދު ކުރުމަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު މުރާޖާކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ކޯޓުން އޭނާ ދޫކޮށްލިއެވެ. އެކަމާއި ގުޅިގެން އާންމުންވަނީ ކޯޓުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އޭރު އޭނާ ދޫކޮށްލި ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އިއްޔެ އޭނާ އަލުން ހައްޔަރުކޮށްފައެވެ. އަދި މިއަދު ފުލުހުން ބުނީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ދިން އަމުރުގައިވާ ގޮތުން އޭނާ ފުރަތަމަ ދޫކޮށްލީ ހައްޔަރުކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވާތީއެވެ. އެހެންވެ އޭނާ ދޫކޮށްލީ އެ އިޖުރާއަތްތައް ފުރިހަމަކޮށްގެން އަލުން ހައްޔަރުކުރަންކަން ވެސް ކޯޓު އަމުރުން އެނގެއެވެ.



ކިޔުންތެރިންގެ ހިޔާލު