އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕާއި އެ ޕާޓީގެ ސަރުކާރާ ދުރުވެ ހިޔާލު ތަފާތުވުންތަކެއް އުފެދުނީ ކުރިން ހުންނެވި ޕީޖީ ލީޑަރު އަލީ އާޒިމް "ނަފްރަތު" އުފެއްދުމުން ކަމަށް ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ތުހުމަތުކުރައްވައިފިއެވެ.

ރާއްޖެ ޓީވީއިން ގެނެސްދިން ޗެއާޕާސަން ބަހުސްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ޖުމުލަކޮށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕާއި އެ ޕާޓީގެ ސަރުކާރާ ދުރުވި ކަމަށާއި އެކަން އެހެން ދިމާވީ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ނަފުރަތު އުފެއްދުމުން ކަމަށް ފައްޔާޒު ވިިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އާޒިމް އެގޮތަށް އަމަލު ނުކުރެއްވިނަމަ އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑުތަނުން ކުޑަ ކުރެވުނީސް ކަމަށެވެ.

"ހަގީގަތުގައި ސަރުކާރާއި ޕާޓީއާއި މަޖިލީހާއި ދުރުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށް އަޅުގަނޑު ދެކުނީ މީގެ ކުރީގައި ހުންނެވި ޕީޖީ ލީޑަރު ބްރިޖު ކުރަން ވާ ތަނުގައި ނަފްރަތު އުފެއްދެވީމަ،" އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވާދަކުރެއްވި ނަމަވެސް އޭނާއަށް އެމަގާމު ދިފާއު ކުރެވޭ ގޮތެއް ނުވިއެވެ. އާޒިމް ބަލިކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަމަށް އިންތިޚާބުވެފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެެ.

ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއް އުފެދި ކޯޅުން ވަނީ ބޮޑުވެފައެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ.



ކިޔުންތެރިންގެ ހިޔާލު