5 ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކުރީ އއ.އުކުޅަހާއި، އދ.ދިގުރަށާއި، ށ.މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި، ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ.

އއ.އުކުޅަހު ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ އެއް އަހަރުތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ ދަށުން ހަތަރުހާސް ނުވަސަތޭކަ ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރާއިރު، 489 މީޓަރުގެ ބްރޭކްވޯޓާއެއް ޤާއިމުކޮށް 69 މީޓަރުގެ ރިވެޓްމަންޓު ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 3 މީޓަރު ފުޅާ ބްރިޖަކާއި 130 މީޓަރު ފުޅާ ޖެޓީއެއްވެސް މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 37 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



އދ.ދިގުރަށުގެ ބަނދަރު އަޕްގްރޭޑުކުރުމަށް ޙަވާލުކޮށްފައިވަނީ 19 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގައި 33000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

ށ.މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 15 މަސްދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 59.7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ސަރަޙައްދުން 59000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށާއި، ބަނދަރަށް ވަންނަ ނެރު ހިމެނޭ ސަރަޙައްދުން 3000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.



ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ތ.ވިލުފުއްޓާއި އެއަތޮޅު ދިޔަމިގިލީގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެތެރެއިން ދިޔަމިގިލީގެ މަސައްކަތް އަހަރެއްގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ 23 މިލިއަނަށްވުރެ ގިނަ ރުފިޔާއާށެވެ. ވިލުފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ޙަވާލުކޮށްފައިވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



މިމަޝްރޫޢުތައް އެމްޓީސީސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއީއޯ އާދަމް އާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު