"ރައްޔިތުން ފެލާ" ދެކުންފުންޏޭ ހަމަ ބުނާއިރަށް އެދައްކަނީ ކޮން ދެކުންފުންޏެއްގެ ވާހަކަ ކަން ނޭނގޭ ރައްޔިތަކު މިގައުމަކު ނޫޅޭނެއެވެ. އެއީ އަޅުގަނޑުމެން ކިޔާ ގޮތެއް ނޫނެވެ. އެއީ މި ގައުމުގެ ގިނަ މީހުން އެދެކުންފުންޏަށް މުހާތަބުކުރާ ގޮތެވެ. އެއީ މި ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދިރާގާއި އުރީދޫއަށް ދީފައި އޮންނަ ލަގަބެވެ.

ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އުރީދޫ އަކީ ދިރާގުން މުވާސަލާތީ ޚިދުމަތް މުށުތެރެއަށް ލައިގެން ބޭނުން އެއްޗެއް ހަދައި ބޭނުން އަގެއް ނަގައިގެން ރައްޔިތުން ފެލާތީ ވާދަވެރިކަމުގެ ވިޔަފާރީގެ ތެރެއިން މިގައުމުގައި މުވާސާލާތީ ޚިދުމަތް ފުޅާ ކުރާނަމޭ ކިޔައިގެން ގެނައި ކުންފުންޏެކެވެ. 2004ގެ ސުނާމި ކާރިސާގެ ތެރޭގައި ރާއްޖޭގައި ހަރަކާތެރިވާން ފެށި މިކުންފުނި ރާއްޖެއަށް އައީ ވަތަނިއްޔާގެ ނަމުގައެވެ. ގަލްފުގައި އޭރު މައި އިދާރާ ހިންގަމުން އައި މި ކުންފުނި ރާއްޖެއަށް އައިސް ނިކަން ފޮނި ބުރުއްސައިވެސް ހެދިއެވެ. ދިވެހީން އެވާހަކަ ގަބޫލުވެސް ކުރިއެވެ. ދިރާގުން ހިތައް އެރި އަގެއް ނަގައިގެން މޯބައިލް ފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތުން ރައްޔިތުން ފެލަމުން ދިޔަ ދިއުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވެސް ލިބުނެވެ.

މިހާރު ދެން މިއޮތީ ވަތަނިއްޔާ އުރީދޫއަށް ވެފައެވެ. އެޖާއި ޓޫ ޖީއާއި ތްރީ ޖީގެ ޒަމާން ވެސް ނިމި ގޮސް އެބުނާ ޖީތައް ހަތަރަކާއި ފަހަކަށް ވެސް އަރާފައެވެ. ކަނޑު އަޑިންނާއި ޖައްވުން ބޮޑު އާގުބޯޓަކަށް ވަދެ އުޅެވޭ ވަރުގެ ފައިބަރުތައް ވެސް އަޅާފައެވެ. އަދި ދުނިޔެއަށް އައި މި ކުރިއެރުމާއި އެއްވަރަށް އަޅުގަނޑުމެންގެ ސިކުނޑިތަކާއި ހިތްތައް ވެސް މިވަނީ ހުޅުވި ތަރައްގީވެފައެވެ.

ދިވެހީން މިހާރު މިތިބީ 21 ވަނަ ގަރުނާއި ކުރިމަތިލައިގެންނެވެ. އެހެންވީމާ 2000 ވަނަ އަހަރު ދިވެހީން އެއުޅުނު ހެން މޮބައިލް ފޯނުގެ ރޭންޖު ހޯދަން މިހާރު ގަސް ރުކުގެ ކުރިއަކަށް އަރައެއް، ފުރާޅު މައްޗަށ އަރައެއް ނޫޅޭނެއެވެ. އިންޓަނެޓޭ ކިޔައިގެން އެދިން ޚިދުމަތެއް ހޯދާން 2000 ގެ އަހަރު ތަކުގައި އުޅުނު ދައްޗާއި ވޭނަކު މިއަދު ދިވެހީން އުޅޭން ޖެހިގެން ނުވާނެއެވެ.

އޭރުގައި ރަނގަޅު ވެބްސައިޓަކަށް ވަންނާން ޖައްސާފައި ނިދިގަނޑެއް އަޅާލާފައި އަންނައިރު ވެސް ގިނަ ފަހަރު އިންނާނީ އަދި ލޯޑިންގައެވެ. ފޮޓޯގަނޑެއް ޑައުނަލޯޑް ކޮށްލާން ޖައްސާލިއަސް ހަތަރުދަމު އެދިޔައީއެވެ. ކިރިޔާވެސް ކަމެއް ވާނީ އެންމެ ބާރު ކަމަށް ބުނާ ސްޕީޑްގައި އެލިބޭ އެއްޗެއް ނަގައިގެންނެވެ. އެއީ އާދައިގެ އިންސާނެއްގެ ޖީބަށް ކުޅަދާނަ ވާވަރުގެ އަގެއްނޫންވީމާ އާދައިގެން މީހުން ހަމަ ރުޅި ގަދަވެ ގަދަވެ، ތުން ފިއްތާލައިގެން އަމިއްލައަށް އެތިވަރު ގޮވާލަ ގޮވާލަ ތިބޭނީއެވެ. އޭރު އަދި މި ސޯޝަލް މީޑިއާއަކީވެސް މާ ފަރިތައެއްޗެއް ނޫނެވެ. ބައެއް މީހުން އެކަހަލަ ވެބްސައިޓްތަކަށް ފަރިތަޔަކަސް އޭރަކު "އަނގަހުޅުވާލާކަށް" ނުކުރެއެވެ. އެއީ އަޅުގަނޑުމެން ދުށް ބޮޑު ކާފާއި ކުޑަކާފުގެ ރަން ޒަމާނެވެ.

2004 ގައި މިބުނާ ވަތަނިއްޔާ ނުވަތަ މިހާރުގެ ނަމުން ނަމަ އޫރީދޫވެސް އައިސް މިހާރު އެކުންފުނި އެއޮތީ މުޅި ރާއްޖޭގައި ވަކި ހިއްޕާލާފައެވެ. ވިހި، ތިރީސް ހާހުން ކަސްޓަމަރުން ލިބިގެން ފެށި އެކުންފުނީގައިވެސް މިހާރު މިގައުމުގެ މުޅި އާބާދީގެ ދެބައި ކުޅައެއްބަޔަށް ވުރެ ކަސްޓަމަރުން ގިނަވާނެ ކަމަށް ބެލެވެއެވެ. ދިރާގުގައި މުޅި އާބާދީއަށްވުރެ ގިނަވާނެހެން ހީވެއެވެ.

އެކަމަކު އެބުނާ އެޖާއި ތިރީ ޖީއާއި ފޯ ޖީ ނިމި ފައިވް ޖީ ފަހަނައަޅާ ދިޔައިރުވެސް ދިވެހިން ފޯނު އަތައް ލައިގެން ތިބެ ކިޔާ އަޑު މިއިވެނީ އެބުނާ ނެޓެއް ސްލޯ ވާހަކައެވެ. ހަމަ ޖައްސާލާތަނުން ނިމި ހުސްވާ ވާހަކައެވެ. ކުރިންވާ މުސާރައިގެ ބޮޑު ބައެއް ހޭދަކޮށްގެން ލިބެނީ ތިން ހަތަރު ޖީބީއެވެ. މިހާރު މިއޮތް ކޯވިޑާއެކު ހަތަރު ފަސް ޖީބީގެ ބަދަލުގައި ރާއްޖޭގައި މި ޚިދުމަތްދޭ ދެކުންފުނިން ދޭ 40 ޖީބީ އެކޭ ކުރިން އެދޭ ތިން ހަތަރު ޖީބީއެކޭ ތަފާތެއް ނެތޯލައެވެ. 20 ޖީބީ އިންނަ އިރުވެސް ގުޑައެއް ނުލައެވެ. އަބަދު ވެސް އިވެނީ "ލޯޑެއް" ނުވެއޭ ކިޔާ އަޑެވެ.

"ސޭމް ޝިޓް ހެޕެން އިން އުރީދޫމޯލްޑިވްސް. ނަތިންގ އިޒް ލޯޑިން... މިއީ ކުޅޭ ކުޅިވަރެއްތަ." އުރީދޫއަށް ޓެގްކޮށް މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. 40 ޖީބީ އިތުރަށް ދިނުމުން މާ ގޯސްކަމަށް ބުނެ ޒުވާނަކު ރުޅިގަދަވެގެން ކުރި ޓްވީޓެއްގައި ވެއެވެ.

"އަދި ނުއިނދެވިގެން އުޅެނިކޮށް އިންޓަނެޓާހެދި މިއޮތީ ވަރިވާން ޖެހިފަ. މިއީ ކިހާދެރަކެއް މިކަމަށް ޒިންމާވާނީ ކޮންޅއއ. ދިރާގޫ ކިހާބޮޑު ބލއެއް." ޒުވާން ކަނބަލަކު ފޭސް ބުކް ގައި ލިޔެފައި ވެއެވެ.

މިހެން ގޮސް ދިރާގާއި އުރީދޫއާއި ދިމާއަށް މި އެތިވަރުތައް ކިޔާތަން ސޯޝަލް މީޑިއާއިން ނުފެންނަ ދުވަހެއް ނުދެއެވެ. ހުޅުވާލާ ކޮންމެ ފަހަރަކު ފެންނަނީ އެ ދެކުންފުނީގެ ޚިދުމަތް "ކަޑަ" ވެގެން ނެޓް ސްލޯ ވެގެން ބްރައުޒަރ ގުޑާނުލާ އެނބުރި އެނބުރި އިންނާތީ ކުރާ ޝަކުވާއެވެ.

ދިރާގަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތްތަކުގެ ބިންގަލެވެ. އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލަސް ރާއްޖެ ގެނެސްގެން ރާއްޖޭގައި އޭރުގައި ތިބި ބާރުގަދަ ބައެއްގެ މުށުތެރޭގައި އޮވެ އެމީހުންގެ ޖީބުތައް މުއްސަނދިކޮށް ހެދިބޮޑުވަމުން އައި ކުންފުންޏެކެވެ. އޭރުވެސް އެމީހުންނަށް އޮތް ކަމަކީ ރައްޔިތުން "ފެލުމެވެ." އޭރު އޮތީ ސެއްލައެވެ. ކިޔާނެ އަގެއް ކިޔާފައި ޖަހާނެ އެއްޗެއް ޖަހާފައި ބިލު ހެދުމެވެ.

މިގައުމުގެ ގިނަ ރައްޔިތުން، އާދައިގެ ރައްޔިތުން އިހަށް ދުވަހާއި ޖެހެންދެން މުޅި މަހުގައި ގެންގުޅެނީ އެކެއް ނުވަތަ ދެ ޖީބީ ޑާޓާ ނަގައިގެންނެވެ. މުޅި މަހަށް ބައި އަޅައިގެން އެއިން ވީ ވަރެއް ވީއެވެ. މަހުގެ 10 އަކަށް ދާއިރު އޭތިކޮޅު އޮންނަނީ ހުސްވެފައެވެ. ގިނަ ފަހަރަށް ހުސްވާނީ އެބުނާ ލޯޑިންގއެއްގައި އިންދައެވެ. ނޭނގިގެން ވެސް ވިޑިއޯކޮޅެއް ބަލައިލައި ފިއްޔާ "ހަމަ ޖައްސާލިތަނުން ޚަތަމެވެ."



ދެން އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާގެ މަގުބޫލުކަން އިތުރުވެ އެބައްޔެއް ޖެހި އެ އެއްޗެއް އަވަލީ ފަހުން އެކުދިން ނިދަނީވެސް ފޯނުން ވަދެވޭހާ ތަނަކަށް ވަދެ ތިބެ ކުރާނެހާ ކަމެއް ކޮށްގެންނެވެ. އަނެއްކޮޅުން ހޭލެވޭނީވެސް އެކަމެއްގެ ތެރޭގައި ފޯނު އަތުގައި އޮއްވައެވެ. ދެން އެކުދިންނަށް ލިބޭހާ ލާރިއެއް އަޅަނީ އެއަށެވެ. އެޅިވަރަކަށް އެދަނީ ފެލާ ހުސްކުރަމުންނެވެ. އެކުދިންނަށް ލިބޭ މަހުމުސާރައިގެ ބޮޑު ބައި ދަނީ އެކަމަކަށެވެ.

ދެން ލާރިކޮޅު ރަނގަޅަށް ލިބޭ މީހުން ތަންކޮޅެއް ބޯކޮށް ނެޓު ނަގަނީއެވެ. މަހަކަށް އަށެއް ނުވަ ދިހަ ޖީބީ ޑާޓާ ވެސް ނަގައެވެ. މީޑިއާތަކުގައި އެދައްކާ އިސްތިހާރުތައް ފެނިފައި ހުސްނުވާ ޕެކޭޖު ގަނެލަނީ އުފަލުން ފޮޅިގެން ތިބެއެވެ. ދެން ޑާޓާކޮޅު ހުސްވެގެން ރުޅިގަދަވާން ނުޖެހޭނެކަން ޔަގީންވާތީ ދަތްމައްޗަށް ތުންނާރާ ތިބެ ޑާޓާ ޖައްސާލާނެއެވެ.

އެމީހުން މީޑީއާތަކުން އެދައްކާ މޮޅު އިސްތިހާރުތައް ބަލައިގެން އެދަލުގައި ޖެހިގެން ފިލްމް ބަލައި ފިލްމް ޑައުންލޯޑްކޮށް ޔޫޓިއުބަށް ވަދެ ނުނުކުމެއެވެ. ވާނީ އެހެންތާއެވެ. ދެކުންފުނިންވެސް މިއޮތީ ހުސްނުވާ ޑާޓާ ދީފައިވިއްޔާއެވެ.

ނަމަވެސް ވަނީ ކުރިންވެސް ހަމަ ވީވަރެވެ. ބައެއް މީހުންނަށް އެވަރުވެސް ނުވެއެވެ. އެއިސްތިހާރެއްގައި އެކިޔާ އެއްޗެއް އަޑުއަހައިގެން އެއިން ނުނުކުމެ ތިބީއެވެ. އެބުނާ ހުސްނުވާ ޑާޓާ އަޅައިގެން ހޭހުސްވެފައި ތިއްބާ ޚަތަމްވީއެވެ. ދެން ހަމަ ވަނީ ކުރިންވެސް ވާވަރެވެ. ދެން ހަމަ ގުޑާވެސް ނުލައެވެ. އެނބުރި އެނބުރި، ލޯޑް ވޭވޭ އިންނަނީއެވެ. ދެން އަންނަ ރުޅީގައި އެކުދިން ދެކުންފުންޏާއި ދިމާއަށް "ރަތްމަހަށް" ނުކިޔާވަރަށް އެއްޗެހި ކިޔާފައި ހުރިހާ ވަރެއް ސޯޝަލް މީޑިއާ އަށެވެ. ދެކުންފުންޏަކާ ވާ ބެހޭ ކަމެއްވެސް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އެއީ ކަންފަތް ނުހުންނަ، ލޮލަށް ނުފެންނަ ދެކުންފުނި ވިއްޔާއެވެ.

ދެން މިހާރު މިލައިގަނެގެން އުޅޭ ޢާލަމީ ވަބާގައި ޖެހި އެންމެން ގޭގައި ބަންދުވީމާ އެއެއްޗެއްގެ ބޭނުން އިންތިހާއަށް ބޮޑުވެއްޖެކަން ސަރުކާރަށް އެނގިއްޖެއެވެ. އޭގެ ކުރިން އިންޓަރނެޓް އަގުހެޔޮ ކުރާނަމޭ ކިޔައިގެން މުޅިންވެސް ދުއްވީ "ދެބޯގެރި" އެވެ. ސަރުކާރުގެ ޕޮލިސީއާއި ކޭމްއާއި ދޭތެރޭގައި ދުއްވާ ދެބޯގެރިއަކަށް ވީ މަލީހު ފަކީރެވެ. އެސޮރަށް ދީފައި އެއޮތީ މޮހޮނަށް އޮޑި ދޭހެން ދީފައި އޮތް ވަޒީރުކަމެއް ކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. ހުރިހާ ބެވުމެއް އެސޮރު ފަކީރަށެވެ.

އެސޮރު އެހެން ދެ އޮފީސް ދެތެރޭގައާއި މަޖިލީހާއި ގެއާއި ދެމެދުގައި ހިނގާ ހިނގާ ގޮސް ދެކިހިލިފަތް ފާރުވެފައި ހުއްޓާ މި ރޯގާއާއި ހެދި އެންމެން ގޭބަންދު ކޮށްފައި ކުޅޭނެ ކޮންމެވެސް އެއްޗެއް ދޭން މަޖުބޫރުވެގެން ވެރިމީހާ އަންގައިގެން ވަރަށް ޚާއްޞަ ގޮތެއް ދެކުންފުނިންވެސް ހަދައި ދީފިއެވެ. އެކަމާއި އެންމެވެސް ތިބީ ވަރަށް ވެސް އުފަލުންނެވެ.

ދުވަސްކޮޅެއް ފަހުން ސޯޝަލް މީޑިއާ ބަލައިލި އިރު އިހު ހުރި ވަރަށް ވުރެ މާ ފޯރި ގަދަވިހެން ހީވިއެވެ. މިހާރު ދެން އެހެރަ ގޮވާ އެއްޗެހިން ލަދުން "ދެފައި ގާތްކޮށްލާން" ނުކެރެއެވެ. ބާކީ 20 ޖީބީ އިންނަ އިރުވެސް ހަމަ ފިނިހަކަ ސްޕީޑޯލައެވެ. ހަމަ އެނބުރި އެނބުރި އިންނަނީޔޯލައެވެ. ލޯޑިންގައެވެ. ވެރިމީގެ އެދިވަޑައިގަތުމަކަށް އެއޮތީ ވަރަށް ޚާއްޞަ ގޮތެއް ހަދައިދީފައެވެ. މިހާރަކު ޖީބީ ހުލިވެގެން އެޝަކުވާއެއް ނުކުރާނެ ތާއެވެ. ދެން ގޭދޮށު އެންމެންނަށް އެއް ބޯކިބާ ބެހީމާ ވާގޮތް ވާނެތާއެވެ. ހިލޭ ބޮޑުކޮށް ލިބެންޏާ ބޭނުން ކުރާ މީހުންވެސް ވާނީ ކުރިއަށް ވުރެ ގިނަ ތާއެވެ. އެއްގޭގައި އުޅޭ ފާތުމައާއި އައިމިނައާއި ހައްވަވެސް އެއްފަހަރާ ޑާޓާ ބޭނުން ކުރާނީ ފުލުހުން ބޭރަށް ދާން އެދޭ ފާސް ބޭނުން ކުރާ ގޮތަށް، ހަފުތާއަކު ދެފަހަރު ގަޑިއަކު އެއްފަހަރު ކާބޭހެއް ހެނެއް ނޫންކަން އެމީހުންނަށް ނޭނގެނީވެސް ކަންނޭނގެއެވެ. ފިބިހަކަ ސްޕީޑްގައި ހިއްޓަސް އެކުދިން ދެން މިހާރު އަބަދުވެސް ތިބޭނީ ވަދެއެވެ.

ވިސްނާ ވިސްނާވެސް މި ރާއްޖޭގައި މުވާސަލާތީ ޚިދުމަތް މިދޭ ދެކުންފުނިން މިދޭ ޚިދުމަތަށް މިއަންނަ ކުރިއެރުމެއް ހަމަ ނުވިސްނުނެވެ. މިހާރު ތިރީ ޖީ، ފޯ ޖީ، ފައިވްޖީ ނިމި ސިކްސް ޖީބީއަށް އަރަނީއެވެ. އެކަމަކު ފިނިހަކަ ސްޕީޑަކަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ. ޖީބީ އެހެރެދަނީ ލޮނދި ހިކައެއްހެން ބާރު ސްޕީޑްގައި އަރައިގެންނެވެ.

އަބދުވެސް މޮޅު ވާހަކަ ދައްކައިގެން ލާރި ކޮޅުކޮޅު "ޖަހާލައިގެން" މީޑިއާތަކުގެ އަނގަ ބަންދުކޮށްގެން އުޅުނަސް ރައްޔިތުންނަށް ވާނުވާ އެނގެއެވެ. ރައްޔިތުން ވަށައިގެން ހުރި މި ރާއްޖެއަށް ވުރެ ދަށް "ޖީ" ގެންގުޅޭ ގައުމުތަކަށް ގޮސް އެމީހުންގެ އިންޓަނެޓް ވެސް ތަޖުރިބާ ކުރެއެވެ. މި ގައުމުގައި މިހިރަ ގަދަ "ޖީ" ތަކާ އަޅާ ކިޔާއިރު އެމީހުންގެ 2 ޖީވެސް މާ ރަނގަޅު ކަމަށް ފެނެއެވެ. ފަހަރެއްގައި މިގައުމުގެ މުވާސަލާތީ ދެކުންފުނިން އަޅާފައި އެއޮންނަ ސަބްމެރިން ކޭބަލްތެރެއަށް އެހެން ޒާތެއްގެ ހޮޅިއެއް ނުވަތަ އެއްޗެއް ލައިގެން އުޅެނީ ކަމަށް ވެސް ވެދާނެއެވެ. އެކަން ކުޑަކޮށް ދަންނަ މީހަކު ބުނީ ވެގެން އުޅޭ ގޮތަކީ، މާ ބޯކޮށް ލާރިދޭތީ ބޮޑެތި ކުދިން ބަލާ ކަހަލަ ސައިޓްތަކަށް މާ ބޯކޮށް ޖާގަ ވިއްކައިގެން އުޅެނީޔޯލައެވެ. އެއީ ވެސް ވެދާނެ ގޮތެކެވެ.

ތިޔަ ނެޓް ވޯކްގައި އެއްފަހަރާ ތިން މީހުން ހިފަހައްޓާލައި މައިތިރިކޮށްލެވޭވަރު ނެތިއްޔާ ފުލުހުން އެހަދާހެއް ގަޑިންގަޑިއަށް ބަހައިގެން ތާވަލު ހަދައިގެން ފަހަރަކު ގޭބިސީއަކަށް ދޭ ގޮތަށް ހަދައިގެންވެސް ޝިޔާމުގެ ގަމީސްގަނޑު އިރާނުލާވަރު ކޮށްލަދޭން ފެނެއެވެ.

ދިރާގާއި އުރީދޫއަށް ދަންނަވާލަން އޮތީ ހަމައެކަނި ޖީ ތަކެއް އިތުރު ކުރިއަކަސް ޚިދުމަތް ތަރައްގީވެ ކުރިއަރާދާ ކަމަކަށް މީހަކު ގަބޫލެއް ނުކުރާނެ ވާހަކައެވެ. ޚިދުމަތެއް ތަރައްގީ ވާނީ ޚިދުމަތް ލިބިގަންނަ މީހުން ހިތްހަމަ ޖެހޭ ވަރަށް ޚިދުމަތް ދެވުނީމައެވެ. ކިތަންމެ ވަރަކަށް އިސްތިހާރު ކޮށްގެން ލާރި ދީގެން ބައެއްގެ އަނގަ ބަންދުކޮށްގެން ތިއްބަސް އަދި އެލަވަންސް ބޮޑުކުރަނީއޭ ކިޔައިގެން ކިތަންމެ ބޮޑު ޕެކޭޖެއް ދިނަކަސް ތިން ދުވަހުން ރަށަށް ދާން މިއަދު ކަނޑު ބޯޓުފަހަރަށް އަރާން މިގައުމުގެ ޒުވާނުން ބޭނުން ނުވާ ބީދައިން، މިގައުމުގެ ރައްޔިތުން ފިނިހަކަ ސްޕީޑްގެ އިންޓަނެޓެއްވެސް ބޭނުމެއް ނުވެއެވެ.

ނަމަވެސް އެކަމާއި ޝަކުވާކޮށް ރުޅިގަދަވާ ކުދިންނަށް އަދި ހަމަ ދަންނަވާލަން އޮތް ވާހަކައަކީ ކިތަންމެ ރުޅިގަދަވެ ލޭމައްޗަށް ގޮސް މޮޔަވާ ވަރަށް ކަންތައް ދިޔަޔަސް އެމީހުންނަކާވާ ބެހޭ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ބެވިޔަސް އެމީހުން ހަމަ ކަހާތަން ހިރުވައެއްވެސް ނުލާނެއެވެ.

ދެން މަލީހު ދެކެ އަންނަ ރުޅީގައި ކިތަންމެ ވަރަކަށް އެތިވަރު ގޮވިޔަސް މަލީހަށް ވެސް ވާނީ ވާވަރެކެވެ. އަތޮޅުވެރިންނަށް ވަލުގައި ހިއްޕެވޭނީއެވެ. ބާރުލާން ތިބި ޕޮލިސީމެން ބާރެއް ނުލަންޏާ އެކަމެއް ނުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


16

ށަރީ

10-Jun-2020

މިލިއުން ކޮޅުބުނެވޭނީ ވަރައްފުރިހަމައޭ އަޅުގަންޑައްވެސް މިއޮތީ ތިބުނާ އުރީދޫގެ ސަބަބު ން ނުހަނުބޮޑު ގެއްލުމަކާކުރިމަތިލާން ޖެހިފައެވެ އައްސަވާ މިދިޔަމަހުއެއްމެފަހުރޭ 650ރުފިޔާ އައް 12ޖީބީގެ ޑާޓާ އެރޭ10އަކާއި12ޔާއި ދެމެދުގެވަ ގުތެއްގައި މިކަމެއް ކުރީ 12ޖެި އިރުއަޅުގަންޑު ނިދައިފިން; ހެންދުނު ހޭލެވުމުން ބަލައިލި އިރު މިބުނާ12ޖީބީ ވަންނުވަންތަނެއް އަޅުގަންޑައްނޭގުނު އެތައްހާލަކު ންއަހާލީމާ މިބުނަނާ އެއީ މިކަން އޮއްނަގޮތޭ. ދެން ކީކޭތޯ އަޅުގަންޑު ދައްނަވާނީ


4

ދިރާގު

05-Jun-2020

ލޮލް


17

އުރީދު

05-Jun-2020

އިޝތިހާރު ނުލިބުނީމަ އަރުވާލީ ވަރު


3

ސާމިޔާ

03-Jun-2020

ހަމަ ތެދުވާހަކައެއް ސިދާ މަކަރައި ހިލަތުން ރައްޔަތުން ފެލާބައެއް



ޓްރެންޑިން