ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ފުރާވަޑައިގަންނަވަން ނިއްމަވައިފިއެވެެ.

ރައީސް އޮފީހުން ބުނީ އިއްޔެ އަވަހާރަވި ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ މެންދުރުފަހު ރައީސް ސާލިޙު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފައެެވެ.

ޝައިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

ރައީސް ސާލިހުގެ މެސެޖުގައި ވަނީ ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ޝައިހް ހަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ، ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޝެއިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާނަކީ ޔޫއޭއީގެ ފުރަތަމަ ރައީސް، ޝެއިޚް ޒައިދް ބިން އަލް ސުލްތާން އަލް ނަޙްޔާންގެ ދޮށީ ދަރިކަލުންނެވެ. ބައްޕާފުޅު އަވަހާރަވުމާއިއެކު ޝެއިޚް ޚަލީފާ ޔޫއޭއީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 2004 ވަނަ އަހަރުއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން މިއަދުން ފެށިގެން 40 ދުވަހަށް ޔޫއޭއީގެ ދިދަ ވެސް ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިން ދުވަހުގެ މުއްދަތަށް އެ ގައުމުގެ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސްތައް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވަނީ ގައުމު ހިންގުމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު