2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާކަމަށް، އެމަނިކުފާނުގެ ގާތް ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު މިހެން ވިދާޅުވެފައި މިވަނީ 2023ގެ އިންތިހާބުގައި ރައީސް ސާލިހު ވާދަނުކުރައްވާނެކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ.

ރީކޯ މޫސަ މިއަދު ވިދާޅުވީ ރައީސް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ހެއްދެވީ، އިތުރުފުޅެއްކަމަށެވެ. އަދި ރައީސް ސާލިހާއި ރައީސް ނަޝީދު ބައްދަލުވެ ވާހަކަފުޅު ނުދައްކަވާތާ އެތައް ދުވަހެއް ވެއްޖެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޭނާއާ ރައީސް ސާލިހު ބައްދަލުވެ، ވާހަކަދައްކަވާ ކޮންމެ ފަހަރަކު 2023 އަށް ކުރިމަތިލައްވާ ވާހަކަ ވިދާޅުވެފައިވާކަމަށެވެ.



މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވެސް މިއަދު ވިދާޅުވީ، ވެރިކަމުގެ ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ އަރިހުގައި މިހާތަނަށް ވިދާޅުނުވާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ނިންމަވާ ގޮތެއް ހާމަކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވާދަކުރައްވަފާނެ ކަމަކަށް ލަފާފުޅެއް ނުކުރެއްވޭ ކަަމަށެވެ.

"އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނުކުންނަވާނެ ކަމަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

2023ގެ އިންތިހާބުގައި ރައީސް ސާލިހު ވާދަނުކުރައްވާނެކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ.

ރީކޯ މޫސަ ނޫނަސް ރައީސް ޞާލިހުގެ އަރިސް ބޭފުޅުންނާއި ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު