ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް "ޕެޓްރޯލް" ގެ ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހިނގާ މެއިމަހު 13 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށް ކުށުން ރައްކާތެރިކުރުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، ރަށުތެރޭގައި އާންމުކޮށް ހިންގާ ކުށްތަކާއި، އާންމުކޮށް ކުށްކުރާ ގަޑިތައް ރައްޔިތުންނާ ހިއްސާކޮށް، އެގަޑި ތަކުގައި އިތުރަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު، މިހާތަނަށް ޒިޔާރަތްކުރި ގޭބިސީތަކާ ހިއްސާކޮށްފައިވެއެވެ. އަދި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި އެފަދަ ކަމެއްގައި ނުޖެހި ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ބެންކުގެ ނަމުގައި ގުޅައިގެންވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމާ އަދި އެގޮތަށް މީހަކު ގުޅިކަމުގައިވިޔަސް އެ މީހަކަށް ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނާ ގުޅޭގޮތުން ފާހަގަކުރެވޭ ކަމެއް ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ އެއްވެސް މުދަލެއް ނުގަތުމަށާއި، އެއީ ކުށެއްކަމާ އަދި އެއީ ވައްކަން ކުރުމަށް ދެވޭ ހިތްވަރެއްކަމުގައި ބުނެދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި، ގަމުއޭރިޔާގައި ހިމެނޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ ގަން ޕޮލިސް ސްޓޭޝަނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޕްރޮގްރާމެެއްކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު