އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ބަލި ގަބޫލުކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިިންތި) މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިޚާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ފައްޔާޒު އިސްމާއިލް ކަށަވަރު ކުރެއްވިތާ އެތައް އިރެއް ފަހުން ފައްޔާޒާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިިންތި) މިއަދު ވަނީ ފައްޔާޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އާއެކު ސާބިތުވެ ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް އިންތި ވިދާޅުވިއެވެ.

"ނިމިދިޔަ އިންތިޚާބުގައި އަޅުގަނޑާއެކު މަސައްކަތް ކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން. 💛" ފައްޔާޒަށް މަރުހަބާ ވިދާޅުވެ އިންތި ވިދާޅުވި އެވެ.



އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މިކާމިޔާބީން އެނގިގެން ދިޔައީ ރައީސް ސޯލިހަށް އޮތް ތާއީދު ކަމަށެވެ. އަދި 2023 ކާމިޔާބު ކުރަން އެ ޕާޓީ ސަރުކާރާއެކު އޮންނަން މެމްބަރުން ބޭނުންވާކަން އިންތިޚާބުން އެނގިގެންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ކަަމަށް ވާދަކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި) އާއި އެކީގައި މަސައްކަތް ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ބަހުގެ ހަމަލާތައް ބަދަލު ކުރިޔަސް، ނަތީޖާއަށް ފަހު އެފަދަ ހިތްބުރަ ކަމެއް ޕާޓީގެ ތެރޭގައި ނޯންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު