ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އަލްހާން ފަހުމީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ 20:00 އަށެެވެ.

ފުލުހުން އަލްހާނަށް ހަވާލުކުރި ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އަލްހާންގެ "ކިންގް ފޮރެކްސް އިންވެސްޓްމެންޓް" އަށް ގިނަ ބަޔަކު ވަނީ އެތައް މިލިއަންް ރުފިޔާއެއް އިންވެސްޓް ކޮށްފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އަލްހާން ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށެވެ. ފުލުހުން މިހާރު ވަނީ އެމައްސަލަ ބަލަން ފަށާފައެވެ.

އަލްހާން ވިދާޅުވީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމު ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ އޮންލައިން ފޮރެކްސް ޓްރޭޑިންގގެ މަދަނީ މުއާމަލާތާއި ގުޅިގެން އެކުންފުނިން މަނީ ލޯންޑަރ ކުރާ ކަމަށް އެމްއެމްއޭއިން ތުހުމަތުކޮށް ނުސީދާ ބަޔާން ނެރެ އަޅުވަމުން ދަނީ ދޮގު އިލްޒާމުތައް ކަމަށެވެ. އަދި މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ނަގާފައި ނުވާނެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު