ހޮނިހިރު ދުވަހު ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ބައެއް ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، އެ އިންތިހާބާއި ގުޅިގެން ލިބިފައިވާ ޝަކުވާތައް ބަލާފައިވާނޭކަމަށެވެ. އަދި އެގޮތުން، ވިލިމާލެ މުހްޔިއްދީން ސްކޫލްގައި ބެހެއްޓި 1 ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް، އެ ދެ ވޯޓު ޗެކުކުރުމުގެ މަސައްކަތް ކުރަން ރާވާފައިވާ ވަގުތެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.



ކޮމިޝަނުން މިގޮތަށް ނިންމިއިރު، އެ ބައި-އިލެކްޝަން ވޯޓު އަލުން ގުނައިދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީން) ވަނީ ކޮމިޝަނަށް ހުށަޅާފައެވެ. އެމްއެންޕީން މިގޮތަށް ހުށަހެޅީ އެންމެ ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެންނެވެ.

މި އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ވާދަކޮށްފައިވަނީ ފާތިމަތު ނާޒިމާއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކޮށްފައިވަނީ އާމިނަތު ޝީޒާއެވެ. އިންތިހާބުގައި ނާޒިމާއަށް ލިބިފައިވަނީ 359 ވޯޓެވެ. އަދި ޝީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު