ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާ ދަށު ކޯޓުގައި ކުރިއަށްގެންދެވޭނެ ކަމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި ގުޅިގެން، މި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް، ހައިކޯޓުން ވެސް ނިންމީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހައިކޯޓުގެ އެނިންމުން އާޒިމާގެ ފަރާތުން ދެން އިސްތިއުނާފު ކުރެއްވީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގައެވެ. އެ މައްސަލަ އިސްތިއުނާފު ކުރަމުން ސުޕްރީމް ކޯޓުގައި ވެސް އާޒިމާގެ ފަރާތުން ވިދާޅުވެފައި ވަނީ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުތަކުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ އެކަށީގެންވާ ހެކި ނެތި ކަމަށް ބުނެ އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ އިސްތިއުނާފު ކުރެވޭނެ ނުކުތާއެއް ނޫން ކަމަށެވެ.

އެގޮތުން އާޒިމާގެ ފަރާތުން އެދުނު ގޮތަށް ދަށު ކޯޓުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި އެންމެފަހުން އޮތް އަޑުއެހުން ވެފައިވަނީ އާޒިމާއަށް ހިތްދަތި އަސަރުތަކެއް ކުރުވި ދުވަހަކަށެވެ. އެދުވަހުގެ އަޑުއެހުމުގައި އާޒިމާވަނީ، މި މައްސަލާގައި ދައުވާކުރާތާ 3 އަހަރު ވެފައިވާއިރު ވެސް ދައުވާ ސާފުކޮށްދެވިފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި އެދުވަހު ފަނޑިޔާރުންގެ ކުރިފުޅުމަތީގައި އާޒިމާއަށްވަނީ ކީރިތިކުރެއްވިފައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު