ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެ މަގާމުގައި ހުންނެވި ދުވަސްވަރު ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުން އޭނާއަށް ވަކާލާތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސްޕްރީމް ކޯޓުން އެގޮތަށް ނިއްމީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅިގެން އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާތީ، އެ ނުކުތާ ދައުލަތުގެ ފަރާތުން  ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބެލުމަށްފަހުއެވެ.

އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތު ވެސް ހުންނެވުމުން އޭނާއަށް އެ މައްސަލާގައި ދިފާއުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން ވަކާލާތު ކުރަމުންދިޔަ ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވަނީ އޭނާއަށް ވަކާލާތު ކުރެވޭނެ ކަމަށް ނިއްމާފައެވެ. އެއީ އޭނާ ޑީޕީޖީގެ މަގާމުގައި ހުންނަވައިގެން އެކަމުގައި ބައިވެރިވެފައި ނެތުމުން ކަމަށް ދަށު ކޯޓާއި ހަައިކޯޓުން ނިއްމި ނިއްމުމުގައިވެއެެެވެ.

ދަށުކޯޓާއި ހައިކޯޓުގެ ނިއްމުން ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ މީހަކު ކުރިން މަސައްކަތްކުރި އިދާރާއެއްގައި މަސައްކަތް ކުރަނިކޮށް ހުށަހެޅިފައިވާ މައްސަލައެއްގައި އެ މީހަކަށް ދިފާއުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ގަވާއިދުގައި އޮންނަ ކަމަށެވެ.

ޕީޖީ އޮފީހުގައި ކުރިން އުޅުއްވި އެހެން ވަކީލަކު ވެސް، އޭނާ އެ އޮފީހުގައި ހުންނަވައިގެން ބައިވެރިނުވާ މައްސަލައެއްގެ ދިފާއުގައި ވަކާލާތު ކުރަން އައުމުން އެ ފުރުސަތު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެ ނިންމުން ގޯސްވި ގޮތެއް ނިހާޔަތަށް ދެއްކިފައި ނުވާތީ ހައި ކޯޓުން އޭނާއަށް ފުރުސަތު ދިނީ ގޯސްކޮށް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އެމައްސަލަ ބެެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.



ކިޔުންތެރިންގެ ހިޔާލު