ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ތާއީދު ކަށަވަރުކުރަށްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާޅުވީ ރައީސް ސާލިހު ތާއީދުކުރެއްވިކަމަށް ގިނަ ބަޔަކު ޤަބޫލުކުރި ކެނޑިޑޭޓް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.

މޫސަ ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ތެރެއިން ރައީސް ސާލިހަށް އޮތް ތާއީދު ރައީސް ސާލިހު ކަށަވަރުކުރައްވައިފިކަމަށެވެ. އަދި ޕްރައިމަރީއެއްގައި ވާދަކުރަން ހުރި މީހާއަށްވެސް އެ މަންޒަރު ދައްކާދެއްވައިފިކަމަށް މޫސަ ވިދާޅުވިއެވެ. އެހެންކަމުން އިތުރަށް ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ފިތުނަ ކުރުމަށްވުރެ 2013ގައި އޮތް އުސޫލާއެއްގޮތަށް ކުރިއަށްދިއުމަށް މޫސަ ގޮވާލެއްވިއެވެ.



ބެލެވޭގޮތުގައި މޫސަގެ މިވާހަކަތައް ބޮޑަށް އަމާޒު ކުރަށްވާފައި އެވަނީ އެމްޑީޕީގެ ރައިީސް ރައީސް މުޙައްމަދު ނަޝީދަށެވެ. ޕްރައިމަރީއެއްގައި ވާދަކުރަން ތިބި މީހުންނަށްވެސް އެ މަންޒަރު ދައްކާދެއްވައިފިކަމަށް މޫސަ ވިދާޅުވިއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައެވެ.

ރައީސް ސާލިހަށް އެމްޑީޕީގައި ތާއީދު އޮތްކަން ހާމަވެފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދަނީ ރައީސް ނަޝީދު ތާއީދުކުރެއްވި ކެނޑިޑޭޓް ބޮޑު ތަފާތަކުން ރައީސް ސާލިހުގެ ކެނޑިޑޭޓް ބަލިކުރެއްވުމުންނެވެ. މި ކާމިޔާބީއާއެކު ގިނަ ބަޔަކު ދަނީ ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު