ރައްޔިތުންގެ މަޖިލީހުގައި މިއަދުވެސް މާބޮޑު މަސައްކަތެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލައިފިއެވެ.

މަޖިލީހުގެ މަސައްކަތެއް ނެތިގެން އިއްޔެވެސް ވަނީ މަޖިލީހުގެ ޖަލްސާ ފެށިތާ މާގިނައިރެއް ނުވަނީސް ނިންމާލާފައެވެ.

މިއަދުގެ ޖަލްސާގައި އޮތީ ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ދެ މަޝްރޫއުއަކާ ގުޅޭގޮތުން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކުރުމެވެ. އެ މަސައްކަތް ނިމުމުން އިތުރު މަސައްކަތެއް މަޖިލީހުގައި މިއަދު ނެތުމުން މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ.

"އަޅުގަނޑުމެން އިއްޔެވެސް މަޖިލިސް ނިންމާލީ އިތުރު މަސައްކަތެއް މަޖިލީހުގައި ނެތުމުން. އަޅުގަނޑު މިއަދު އަނެއްކާ ވެސް ފާހަގަކުރަން އޮތީ ހަމަ އެ ނުކުތާ." މަޖިލިސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައިވެސް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާ ސުވާލުކުރުމަށްފަހު ޖަލްސާ ވަނީ ނިންމާލާފައެވެ.

މަޖިލިސް ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ނިންމާލިއިރު، ކޮމިޓީތަކުގައި މިވަގުތު 20 ބިލެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު