ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ
ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

އަލްހާންއާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ހިމެނޭހެން އުފައްދާފައިވާ ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އަލްހާން މިރޭވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ.

ފުލުހުންގެ އިދާރާގައި ދޮޅު ގަޑިއެއްހާއިރު މަޑުކުރެއްވުމަށްފަހު، ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ، މަކަރާ ހީލަތް ހަދައިގެން މީހުން އަތުން ފައިސާނަގާ މަނީލޯންޑާ ކުރި ކަމަށް ބުނެ ފުލުހުން ކުރި ތުހުމަތަށް ކަނޑައެޅިގެން އިންކާރު ކޮށްފައިވާނެ ކަމަށެވެ.



މި މައްސަލައާއި ގުޅިގެން އަލްހާން އިތުރަށް ވިދާޅުވީ، މިއީ އޭނާއަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި ކިންގްސް ކެޕިޓަލް ހޯލްޑިގްސް އިން ކޮށްފައިވާ ސާފު ވިޔަފާރީގެ މުއާމަލާތަކާއި ގުޅިގެން، މަކަރާހީލަތުން މީހުން އަތުން ފައިސާ ނަގައިގެން، މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، އަބުރު ގެއްލުވާލަން ފުލުހުންގެ އިދާރާއިން މަސައްކަތްކުރާ ކަމަށާއި އެކަމުގައި ފުލުހުންގެ އިދާރާއާމެދު ދައުވާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން އަލްހާނާއި ސުވާލު ކޮށްފައިވާއިރު ހަމަ އެ މައްސަލައާއި ގުޅިގެން، އަލްހާނުގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީއަށް ވެސް ފުލުހުން ވަނީ މަނީލޯންޑަރިންގެ ތުހުމަތު ކޮށްފައެވެ. އަދި ޝަހުބާން ވެސް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު