ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިގެން ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ރާއްޖެ އައިތަނުން ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު ޖަލުން ފިލައިގެން އުޅެނިކޮށް ރޭ ހައްޔަރުކޮށްފިއެވެ.

މިސްބާހު ފިލާފައިވަނީ ހިއްމަފުށީގައި ހުންނަ އައްސޭރި ޖަލުންނެވެ. ކަރެކްޝަނުން މިރޭ ބުނީ އެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ފިލުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދާ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިސްބާހް ގެއްލިގެން ފުލުހުން މީގެ ކުރިން ވަނީ އޭނާ ހޯދަން އިއުލާނުކޮށްފައެވެެ. އޭނާ އެފަހަރު ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހުއެވެ. ފަހުން ފުލުހުން ބުނީ މިސްބާހު ހުރީ ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިގެން ރާއްޖެ އިން ބޭރުގައި ކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ދުބާއީ އަށް ގޮސްފައިވާ ކަމަށެވެ.

މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު ކަމަށް ފުލުހުން ބުނެ އެވެެ.

އިރުފާނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިިމެނޭ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު