ޞާދިރު ޢަލީދީދީ   3 ޖޫން 2020 - 17:14
ދުނިޔެ: ދުނިޔެ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ދުނިޔެ: ދުނިޔެ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންނަވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
ޤިޔާމަތްވާނެ ވަކި ޚާއްސަ ވަގުތެއް އިންސާނުންގެ މައްޗަށް ފާޅުނުކުރައްވައެވެ. އެހެންނަމަވެސް، ބައެއް ޙަދީޘްތަކުގައި ޤިޔާމަތްވާން ކައިރިވެއްޖެކަމުގެ މައްޗަށް ދޭހަކޮށްދޭ ޢަލާމާތްތަކެއް ބަޔާން ވެގެން ވެއެވެ. އެޢަލާމާތް ތަކަށް ޤިޔާމަތުގެ ނިޝާންތަކޭވެސް ކިޔެއެވެ. މިއާބެހޭގޮތުން މަޝްޙޫރު ތިން ޙަދީޘެއް މިތާނގައި ބަޔާން ކުރަމެވެ.

ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން އިމާމް ބުޚާރީ ރިވާކުރެެއްވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. ޤިޔާމަތުގެ ޢަލާމާތްތަކަކީ މިއީއެވެ.

1- ބޮޑު ދެޖަމާޢަތެެއްގެ ދެމެދުގައި ހަބގުރާމަ ހިނގާނެއެވެ. ދެބައިމީހުންގެވެސް ވާނީ އެއްދަޢުވާ އެކެވެ.

2- ގާތްގަނޑަކަށް ތިރީސް ދައްޖާލުން ފާޅުވާނެއެވެ. ކޮންމެ މީހަކުވެސް ނަބީކަމަށް ދަޢުވާ ކުރާނެއެވެ.

3- ޢިލްމް އުފުއްލެވިދާނެއެވެ.

4- ޒަލްޒަލާތައް ގިނަ ވެދާނެއެވެ.

5- ޒަމާން ކައިރިވެދާނެއެވެ.

6- ފިތުނަ ފަސާދަތައް ގިނަވެދާނެއެވެ.

7- ޤަތުލުކުރުމާއި، ލޭއޮހޮރުވުން ގިނަވެދާނެއެވެ.

8- މުދާތައް ގިނަވެގެންގޮސް ޞަދަގާތް ހޯދާނެ މީހަކު ނުވާނެއެވެ.

9- މީސްތަކުން އުސް ޢިމާރާތްތައް ޢިމާރާތް ކުރުމުގައި އެކަކުއަނެކަކަށް ވުރެން ކުރިއަރަން މަސައްކަތް ކުރާނެއެވެ.ވއަދި އެކަމަށް ފަޚްރުވެރިވާނެއެވެ.

10- އެކަކުއަނެކެއްގެ ޤަބްރު ކައިރިން ދަމުން ބުނެލާނެއެވެ.

11- އިރު މަޝްރިޤު ފަރާތް ފިޔަވައި މަޣްރިބު ފަރާތުން އަރާނެއެވެ. އެފެނުމުން އެންމެން އީމާންވެދާނެއެވެ. ނަމަވެސް އެވަގުތު އީމާންވުމަކުން ފައިދާއެއް ނުކުރާނެއެވެ.

ޢިލްމުވެރިން މިދެންނެވި ޢަލާމާތްތައް ޝަރަޙަ ކުރައްވާފައިވާ ގޮތަށްވެސް ބަލާލާނަމެވެ. އެގޮތުން ފުރަތަމަ ޢަލާމާތެއްގެ ގޮތުގައި ބަޔާންކުރެވުނު ބޮޑު ދެޖަމާއަތެއްގެ މެދުގައިކުރޭވޭ ހަނގުރާމަކަމަށް އިޝާރާތް ކުރެވިގެންވަނީ ﷲ ރުއްސުންލެއްވެވި ޢަލީގެފާނާއި މުޢާމިޔަތުގެފާނުގެ ދެމެދުގައި ހިނގި ހަނގުރާމައަށެވެ. އެ ހަނގުރާމައިގައި ދެފަރާތުގެވެސް ދަޢުވާއަކީ ޙައްޤުގައި ޤްރުއާން އާއި ސުންނަތުގައި ހިފައިގެންވާ ކަމަށެވެ. ދެވަނަ ޢަލާމާތެއްގެ ގޮތުން، ދައްޖާލުން ފާޅުވާނެ ކަމަށް ބުނެފައިމިވަނީ ޢަރަބީންގެ ތެރެއިންނާއި އަދި އެހެން ތަންތަނުން ނަބީކަމުގެ ދޮގުދަޢުވާކުރި އެތައްބަޔަކު ފާޅުވެގެންދިޔަ ފާޅުވުމަށެވެ. ތިންވަނަ ޢަލާމާތެެއްގެ ގޮތުން ޢިލްމު އުފުއްލެވިގެންދާނެ ކަމަށް އިޝާރާތް ކުރައްވާފައިމިވަނީ މިދުނިޔެމަތީ ޢިލްމުވެރިން ކިތަންމެ ވަރަކަށްވެސް ގިނަވި ނަމަވެސް ތެދުވެރި ރަނގަޅު ޢިލްމުވެރިން ނުތިބޭނެ ވާހަކައަށެވެ. ﷲ އެބެއިކަލަކަށް ރުއްސުންލެއްވެވި ޢަބްދު ﷲ ބުނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ޢިލްމުއުފުއްލެވޭނެއޭ އޮތް ބަސްފުޅުގެ މާނައަކީ ތެދުވެރި ރަނގަޅު ޢިލްމުވެރިން ނުތިބޭނެ ވާހަކައެވެ. މީސްތަކުން އެމީހުންގެ އިސްބަޔަކަށް ޖާހިލުން ހަދާފާނެއެވެ. އެފަދަ ޖާހިލުންކުރެން މައްސަލައެއް ހުށަހެޅުމުން އެނގުމަކާނުލައި، އެއްވެސް ބެލުމެއްނެތި، ފަތުވާ ދޭނެއެވެ. އަމިއްލައަށް މަގުފުރެދުމާއެކު އެހެންމީހުންވެސް ޙައްޤުގެ މަގުން އެއްކިބާކޮށް މަގުފުރައްދާނެއެވެ.

ޢަލާމާތެއްގެ ގޮތުގައި ހަތަރުވަނައަށް ޒަލްޒަލާތައް ގިނަވާނެކަމަށް ބަޔާން ކުރައްވާފައިމިވަނީ މިދުނިޔޭގައި ތަފާތު ގޮތްގޮތަށް ޒަލްޒަލާތައް ގިނަވަމުން އަންނަ އައުމަށެވެ. އެގޮތުގެ މަތީން ފެށުނީއްސުރެ ދުނިޔޭގެ އެކިކަންކޮޅުތަކަށް އެކި ސިފަސިފައިގައި އަންނަ ތަފާތު ޠޫފާންތަކުން ޢަލާމާތެއްގެ ގޮތުން މިދުނިޔެމަތީން މިހާރުވެސް ފެންމުންދާ ދަލީލުތަކުން ޤިޔާމަތް ކައިރިވެއްޖެ ކަމަށް ހެކިދެއެވެ.



ފަސްވަނައަށް، ޢަލާމާތެއްގެ ގޮތުން ޒަމާންކައިރިވެދާނެކަމަށް ބަޔާންކުރައްވާފައި އެވާ ބަޔާންކުރެއްވުމަށް އިޝާރާތް ކުރައްވާފައި މިވަނީ ބަރަކާތް އުފުއްލަވާލެވިދާނެ ކަމުގައެވެ. ނަމަވެސް މިކަމަކީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ކަމެކެވެ. ބައެއްބޭކަލުން ވިދާޅުވަނީ އެއީ މުދާވެރިކަމާއި މުދަލުގެ ގިނަކަމާއި އަދި އަރާމާއި އުފާތައް ބޮޑުވެގެންގޮސް ވަޤުތު ފާއިތުވެދާނެކަމުގެ ޚިޔާލު ނުވުން ކަމުގައެވެ. އަނެއްބަތަކު ވިދާޅުވަނީ ދަތުރުފަތުރުގެ ފަސޭހަކަން ތަރައްޤީވެގެން ދިޔަދިޔައިނުންގޮސް މަސްދުވަހުގެ ދަތުރު ގަޑިއަށް ބަދަލުވެގެންދާ ވާހަކަ ކަމުގައެވެ. ނަމަވެސް ޙަދީޘްތަކުން އެނގި ބަޔާންވެގެންވާ ގޮތުގައި ވަގުތު ފާއިތުވުން އަވަސްވެ އަހަރުދުވަސް މައްސަރަށް، އަދި މަސްދުވަސް ހަފްތާއަށް އަދި ހަފްތާ، ދުވަހެއް ފަދައިން އަދި ދުވަސް ގަޑިއެކޭ އެއްގޮތަށް ފާއިތުވާންފަށާފާނެއެވެ.

ހަވަނައަށް އަދި ހަތްވަނަ އަށް ބަޔާން ކުރައްވާފައިވާ ފިތުނަފަސާދަތައް ގިނަވާނެކަމަށާއި ޤަތުލު ޢާއްމުވެ، ލޭއޮހޮރުވުން ގިނަވެދާނެ ކަމަށް އޮތް އޮތުމާ ގުޅޭގޮތުން އިތުރު ތަފްޞީލަކަށް މިހާރަކު އަޅުގަނޑު ހިތުން ބޭނުމެއް ނުވެއެވެ. އެކަންތައްވަނީ އެނގިފާޅުވެގެންނެވެ.

އަށްވަނައަށް ބަޔާން ކުރެވުނު މުދާތައް ގިނަވެގެންގޮސް ޞަދަޤާތް ހޯދާނެ މީހަކު ނުވާނެ ކަމުގެ މާނައަކީ މުދަލުގެ ތަނަވަސްކަން ބޮޑުވުން މީގެކުރީގައިވެސްވަނީ ފެނިފައެވެ. އަދިވެސް ފެންނާނެކަމަށް ބަޔާން ކުރެއްވި ބަޔާންކުރެއްވުމެވެ. ޢަލާމާތެެއްގެ ގޮތުން މިދުނިޔެމަތީ ވާދަވެރިކަމާއެކު އެއްބަޔަކު އަނެއްބަޔަކު އުސްޢިމާރާތްތައް ބިނާކުރުން އިތުރުވެ، އެބައިމީހުންގެ ޢިމާރާތްތަކާމެދު ފަޚްރުވެރިވެ އުޅޭ އުޅުން ނުވަނަ ޢަލަމާތެއްގެގޮތުން، ބަޔާންކުރައްވާފައިވާ ބަޔާންކުރެއްވުމަށް މިއަދުވެސް މިދަނީ ފެންނަމުންނެވެ.

އެކަކުއަނެކެއްގެ ޤަބްރު ކައިރިންދަމުން އެޤަބުރަކީ އެނާގެ ޤަބުރައްވިނަމަ ކިހާ ރަނގަޅުކަމަށް އެމީހެއްގެ ހިތުތެރޭ އަށަގަންނާނެކަމަށް އިޝާރާތް ކުރައްވާފައި އެވަނީ މީހެއްގެ ޤަބުރުފެނިފައި ތިމާ މަރުވުމަށް މީހަކު އެދުންވެރިވާނީ މުޞީބާތްތަކާއި ޢާފާތްތަކުގެ ގިނަކަމުންގޮސް ނާއުއްމީދުވާވަރު ވެގެންނެވެ. މިގޮތަށް މީހުން އެދެންޖެހޭއިރު، މުދަލުގެ ތަނަވަސް ކަމާއި ޢިމާރާތްތަކުގެ ބޮޑުކަން އެމީހުންގެ ހިތްހަމަޖައްސާލުމަށް ފުދޭވަރަށްވުރެން މުޞީބާތްތަކާއި ޢާފާތްތައް ގިނަވާނެއެވެ. މަރަށް މީހާ އެދުންވެރިވުމުގެ އެއްސަބަބު ކަމުގައި ދީނުގައި ފިތުނަތައް ބޮޑުވުންވެސް ހިމެނެއެވެ. އެހިނދު މަރަށް އެދުންވެރިވުމީ ހުއްދަ ކަމެކެވެ.

ޤިޔާނަތުލް ކުބްރާގެ އެންމެ ބޮޑު އެއް ނިޝާނެއްކަމުގައި ބަޔާންކުރައްވާފައިވާ މަޣްރިބް ފަރާތުން އިރުއެރުމަކީ ބޮޑުކަމަކަށް ނުވެއެވެ. ކާއިނާތިގެ ނިޒަމް ވިއްސިވިހާލިވެގޮސް އިރުހަނދާއި ބިމުގެ ދައުރުވުމުގައި ވަޒަން ގެއްލިދިޔުމުން، އިރު ފާޅުވާތަން ފެނިގެންދާނީ މަޣްރިބް ފަރާތުންނެވެ. މިއީ ޤިޔާމަރްވުމުގެއެންމެ ބޮޑު އެއް ނިޝާނެވެ. ނަމަވެސް އެވަގުތު އީމާން ވުމަކުން ފައިދާއެއް ނެތެވެ. މިހެންކަމުން، އިންސާނާއަށް އެދެވިގެންވަނީ މިދުނިތެމަތީގައި ދިރިރިއުޚުމަށް ލިބިފައިމިވާ ފުރުޞަތު ނަގާނުލައި ޙައްޤު ދީން ތެދުހިތުން ޤަބޫލުކޮށް އިލާހީ ޙުކުމްތަކަށް ފުރިހަމައަށް ޢަމަލު ކުރުމެވެ. ޙަދިޘެއްގައި އައިސްފައިވަނީ މަޣްރިބު ފަރާތުން އިރުއެރުމަށްފަހު މީހުން ދުނިޔޭގައި ސަތޭކަވިހި (120) އަހަރު އުޅޭނެކަމަށެވެ. ނަމަވެސް ވަރަށް ގިނަ ޢިލްމުވެރިން މިޙަދީޘް ޞައްޙަކަމުގައި ނުބައްލަވައެވެ. އެބޭކަލުން ވިދާޅުވަނީ މަޣްރިބު ފަރާތުން އިރުއެރުން މިއީ ޤިޔާމަތް ވުމުގެ އެންމެ ފަހު ޢަލާމާތްކަމުގައެވެ.



**************************************

* މިލިޔުމަކީ އައްޝައިހް އިދްރީސް ހުސައިން ނެރުއްވާފައިވާ "ޤިޔާމަތް ކައިރިވެއްޖެ" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން