އައްޑުއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ ކަމަށާއި ޝަންގުރިއްލާ ނުހުޅުވި ލަސްވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ސަބަބުން ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ބުނެފިއެވެ.

މޯވިޑާ ވުޅިގެން އައްޑުއަތޮޅު ޝަންގްރިއްލާ ބަންދުކޮށްފައިވަނީ 2020 ގެ މެދު ތެރޭގައެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް އެކަން ލަސްވަމުންދާތީ އައްޑޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނީ އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ދެ އަހަރެއްހާ ދުވަސްވީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް ހުޅުވުން ލަސްވަނީ ކޯލިޝަން ސަރުކާރާއި އެޖެންޑާ 19ގެ ދަށުން ރައްޔިތުން ހޮވި އެމްޑީޕީގެ 65 މެމްބަރުންގެ ސުޕަމެޖޯރިޓީގެ ސަބަބުން ކަމަށެވެ.

"އައްޑޫ ސިޓީއަށް މިހާރު ދިމާވެފައި އޮތް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ،" އައްޑޫ ސިޓީކައުންސިލް ޓެގްކޮށް އޭޑީސީން ބުނެފައިވެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައޫސުމް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އޮތް ހުރަހަކީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި ވާނީ ރިސޯޓްތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ބަދަލު ކުރުމަށް ރަނގަޅު ގޮތެއް ކަމަށެވެ. އަދި އެ ބަދަލު ގެނެވިއްޖެނަމަ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޝަންގްރިއްލާ ހުޅުވުން ވެގެންދާނީ އައްޑޫ ސިޓީއަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމަކަށް." ޑރ. މައުސޫމް ވިދާޅުވި އެވެ.

ޝަންގްރިއްލާ ރިސޯޓް މާ ލަސްތަކެއް ނުވެ ހުޅުވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްދު ސޯލިހު މިދިޔަ މާޗު މަހު ވަނީ ވިދާޅުވެފައެވެ. އައްޑުއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިޙު ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އެ އިންވެސްޓްމެންޓަކީ ސަރުކާރުގެ 30 ޕަސެންޓް އަދި އެހެން ބައެއްގެ 70 ޕަސެންޓާއެކު ކޮށްފައި އޮތް އިންވެސްޓްމެންޓެއް ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން