ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ގަލޮޅު ސްކޫލުގައި 4 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރިވިއު ކޮށްދިނުމަށް ކުޑަކުއްޖާގެ ޢާއިލާއިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ 63 އަހަރުގެ އަންހެނެއް ފުލުހުން ހައްޔަރުކޮށް ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް ދަޢުވާ އުފުލޭ މިންވަރަށް ހެކިނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާތީ ފުލުހުން ވަނީ އެ މައްސަލަ ފައިލް ކޮށްފައެވެ. މައްސަލަ ފައިލްކުރިކަން ގަލޮޅު ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

ކުޑަކުއްޖާގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުގައި ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުން ދޭހަވަނީ ޖިނާއީ ދައުވާއެއް ސާބިތުކުރެވޭނެ މިންވަރަށް ހެކި ލިބިފައި ނުވުން ކަމަށާއި އެއީ ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް މި ހާދިސާގައި ނެތްކަން ނުވަތަ ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ޝާމިލުވުމެއް މި ހާދިސާގައި ނެތްކަން ދަލާލާތުކޮށްދޭ ކަމެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

ޢާއިލާގެ ފަރާތުން ޢާއްމުކޮށްފައިވާ ބަޔާނުގައިވަނީ މައްސަލާގައި ޖިނާއީ ދައުވާއެއް ނުކުރުމަށް ނިންމައިފައިވަނީ ކޮން ހެއްކެއް މަދުވެގެންކަން އެއްވެސް ފަރާތަކުން ކުއްޖާގެ މައިންބަފައިންނަށް އަންގާފައިނުވާ ކަމަށެވެ.

"ޖިނާއީ ދައުވާއެއް ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭތީ، އެ ނިންމުން ރިވިއުކޮށްދިނުމަށް ކުއްޖާގެ މައިންބަފައިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ކިބައިން އެދިފަ." ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ މި މައްސަލައިގައި އަނިޔާ ލިބިފައިވާ ކުއްޖާ އާއި އެ ކުއްޖާގެ ބެލެނިވެރިންނަށް ސްކޫލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިނުވާ ކަމަށާއި މިއަދާ ހަމައަށް ވެސް ސްކޫލުން ކުއްޖާގެ މައިންބަފައިންނާ ބައްދަލުކޮށް ނުވަތަ ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ދީފައިނުވާ ކަމަށެވެ.

މިއީ އެތައް ކުދިންތަކެއްގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް ސްކޫލުގެ މުވައްޒަފަކާމެދު ކަންބޮޑުވުމެއް ނެތް ކަމަށް ގަލޮޅު ސްކޫލުން ބުނުމަކީ އެ މުވައްޒަފުން ސްކޫލުގެ މާހައުލަށް ނެރެ މިފަދަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ދެކޭކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ. އޭގެއިތުރުން މި ހާދިސާއާ ގުޅިގެން ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަނިޔާ ލިބިފައިވާ ކަމަށާއި އަދި އެއަނިޔާތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ގަލޮޅު ސްކޫލްގެ ޕްރީ ސްކޫލްގައި ކިޔަވަމުންދިޔަ ޢުމުރުން 4 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގެ މައުލޫމާތު ސްކޫލަށް ހުށަހެޅުމާއެކު އެކަން ތަޢުލީމީ ވުޒާރާއިންވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަނީ ބަލާފައެވެ. އެގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅައި، މައްސަލަ ބަލާ ނިމެންދެން އެކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑު ކޮށްފައިވެއެވެ.

އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިފަދަ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 30 މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ޕެންޑިންގައި ހުރި މައްސަލަތަކުން ވެސް ކިރިޔާ ވެސް ހެއްކެއް ފެނިއްޖެނަމަ އެމީހަކު ވަޒީފާ އިން ވަކިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުއްޖާއަށް ޖިންސީގޯނާކުރި މީހަކު ކަށަވަރުވެފައި ނުވާތީ 29 އޮކްޓޯބަރު 2021 ވީ ހުކުރު ދުވަހުން ފެށިގެން ގަލޮޅު ސްކޫލުގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ހުރިހާ އަންހެން މުވައްޒަފުން ވަނީ ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. ހަމައެއާއެކު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލުގެ 18 ސަރަހައްދެއްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން