ދަރިވަރުން މަތީ ތައުލީމް ހާސިލުކޮށްގެން ޤައުމަށް ހިދުމަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަސިމް މިއަދުވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިލްމު އުނގެނި މުޖުތަމައަށް ޚިދުމަތް ކުރުމަށް ނުކުންނައިރު އެކަން ކުރުމަށްޓަކައި ރިވެތި އަޚްލާގް އަބަދުވެސް ބޭނުންވާކަމަށެވެ. އަދި އެމަގުން ހިނގަންޖެހޭކަމަށާއި، އޭރުން ރަނގަޅު ޖީލެއް ބިނާކުރާނެކަމަށް މަގުފަހިވެގެންދާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ދަރިންނަށް ތައުލީމު އުނގަންނައިދޭން ބެލެނިވެެރިން ކުރައްވާ މަސައްކަތްޕުޅުވެސް ފާހަގަކުރެއްވިއެވެ.

"މަސައްކަތް ކުރުމުގައި ތިމަންނައަށް ޤައުމަށް ކޮތްދެވޭނީ ކޮން މަސައްކަތެއްތޯ ބަލައި މި ލޮބުވެތި ވަތަނަށް ޚިދުމަތެއް ކޮށްދޭން ޖެހޭނެ. އެއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު އައިޔޫއެމުން ޖުމްލަ ދަސްވެނިވީ 1322 ދަރިވަރުންނެވެ. އެގޮތުން ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ، ޑިގްރީ، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލް އަދި މާސްޓަރސް ލެވެލްގެ އިތުރުން ޕީއެޗްޑީ ލެވެލްގެ ކޯސްތަކުން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި 65.02 އިންސައްތަ ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. އަދި 34.98 އިންސައްތަ ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ރަސްމިއްޔާތުގެ 2 ވަނަ ދަންފަޅި މިރޭ އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު