ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ވަކިވަކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ބަޔާންތައް ނަގައި ނިންމާލައިފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެހާދިސާގައިި އަސަރުކުރި ބައެއް މީހުންގެ ބަޔާންތައް ނަގާފައިވާކަމަށެވެ. އޭގެތެރޭގައި ވަކިވަކި މީހުން ހުށަހެޅި މައްސަލަތަކާއި، ކައުންސިލުން ހުށަހެޅި މައްސަލަތައްވެސް ހިމެނެއެވެ.

މިމައްސަލައިގައި ބަޔާންތައް ތިނަދޫގައި އަޑުއެހުންތައް ބާއްވާފައިވާއިރު، އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުން މާލޭގައި ބޭއްވި އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފައެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރާ ބައެއް މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު