ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
މުޅި ރާއްޖޭގެ ސަމާލުކަން ދާދި މިދާކަށް ދުވަހު ހުއްޓުނީ އިއްޔެ ހަމަވި ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ ކުރިން އެކަމުގައި ހޯދާނެ ދުސްތޫރީ ހައްލަކާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށެވެ. ސަރުކާރުން ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލުތަކުގެ ދައުރު ދިގުކުރުމަށް މަޖިލީހަށް ހުށައެޅުނު މައްސަލައިގައި ސަރުކާރާއި ވެރިކަން ހިންގާ އެމްޑީޕީގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި އެއްގަލަކަށް ނޭރި، މަޖިލީހުގައި ކުރެވުނު ފޯރިގަދަ ބަހުސްތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ހުއްޓުނެވެ.

ސަރުކާރުން ހުށައެޅި ގޮތަށް ގާނޫނު ޢަސާސީ އިސްލާހު ކޮށް މާއްދާ އެއް އިތުރުކުރަން މަޖިލީހުގެ ސުޕަ މެޖޯރީޓީ އޮތް ވެރިކަން ހިންގާ އެމްޑީޕީ ދެކޮޅުހަދައި ވަގުތީ ގާނޫނެއް ގެންނަން ހުށައެޅީއެވެ. މިކަމުގައި ކޮޅެއް މެދެއް ނުފެނި ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް އެއްގަލަކަށް ނޭރި ގާނޫނީ ހުސްކަމުގެ "ހަނގުރާމަ" ހޫނުވީއެވެ. ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ ކުރިން ގޮތެއް ނުނިމި، އެކަމުގައި ކުރިމަތިވެދާނެ ގާނޫނީ ހުސްކަން ފޫނުބެއްދިދާނެތީ އެއްބަޔަކު އުޅުނު ގޮތުން ހީވަނީ މި އުޑު ބޮލަށް ވެއްޓިދާނެތީ އުޅޭހެންނެވެ. ފަޔަށް ހިނިއަރައިގެން ތެޅިފޮޅި ގަނެގެން ސަރުކާރާއި މަޖިލިސް މެމްބަރުން އުޅުނު ވައްތަރުން ކޮވިޑް ބަލިމަޑުކަމަށްވުރެ މާ ބޮޑު އެހެން ކާރިސާއެއްގެ ބިރުވެރިކަމެއް އުފެދިގެން އުޅުނުހެންވެސް ހީވެއެވެ. ގާނޫނީ ހުސްކަން ފޫނުބެއްދޭ ހާލަތެެއް ގައުމަށް ކުރިމަތިވެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހި އެއްބަޔަކު ހީވަނީ މަރަށް ތެޅުނު ހެންނެވެ. ޢެހާވެސް ބޮޑު ބިރުވެރިކަަމަކާއި ގައުމާ ކުރިމަތިވަނީއެވެ.

ކޮންމެއަކަސް ގާނޫނީ ހުސްކަމަށް ކޮންމެ ގޮތެއް ހަދައިގެންވެސް ފަރުވާ އެއް ހޯދަން އެބަޖެހެއެވެ. އެހެން ނޫނީ ކައުންސިލްތަކާއެކު ގައުމު ގާނޫނީ ހުސްކަމަކަށް ގޮސް ގާދޫ ކޮލުން ބޭރުވެދާނެތާއެވެ! ރައްޔިތުންގެ މަޖިލީހުގައި މައްސަލައާއި ގުޅިގެން ކުރެވުނު ފޯރިގަދަ ބަހުސްތަކެއް ކުރެވުނުއިރު ދައުލަތުގެ ބަންޑާރަ ނައިބާއި ކައުންސިލަރ ޖެނެރަލް ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނީ ހުސްކަން ފޫނުބެއްދޭނެ ކަމަށް ދެއްވި ލަފާވެސް ރައްޔިތުންގެ މަޖިލީހުން ބޮލާލާޖެހިތަން ވެސް ފެނުނެވެ. ވާނީވެސް އެހެންތާއެވެ. ހައްތާވެސް ރޯނު އެދުރުން ވިއްޔާއެވެ.

ގާނޫނީ ހުސްކަމަށް ފަރުވާ އެއް ނުލިބި ވަގުތު ދިގުލައިގެންދާތީ މިކަމުގައި އެންމެ މަތީކޯޓުގެ ލަފަޔަކަށް އެންމެފަހުން އެދެންޖެހޭ ހިސާބަށް ކަންކަން ދިޔައީއެވެ. ބައެއް މީހުން މިއަށް ކިޔާ އުޅެނީ އުނބަށް ޖެހުމެވެ. ނަންވާނީ ވަށަފަރު މީހުންނެވެ. އެކަމަކު އެކަމެއް ކުރާން އީސީ ޝަރީފު އެކޯޓަކަށް ދިޔައިމާ ހީވީ އެހެން ކަމެއް ވެގެން އުޅުނުހެނެވެ. ޝަރީފު ކޯޓަށް އެވިއްދި އެތި ގަދަކަމުން ނެރެ އަތުލައިގެން ތަޅުވަ ތަޅުވާފައި މިޖެހުނީ ހަމަ އެ ނެރުނުރަނަށް ދާށެވެ. އެހެން ވީމާ ދެން ކިޔޭނީ އުނބަށް ޖަހައިފިޔޭ ނޫންތޯއެވެ؟

ދެން ފަހެ، ބަސްބުނި ހިދުން ހަމަ ރޮކެޓް ސްޕީޑްގައި ސްޕުރީމް ކޯޓްގެ ލަފާވެސް މަޖިލީހަށް ލިބިއްޖެއެވެ. އަސްތާ ކަމަކުދާކަށް ނެތެވެ.! ސްޕުރީމް ކޯޓުގެ ލަފާ އޮތީ ދައުލަތުގެ ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ދެއްވި ލަފަޔާ ހަމަ ދާދި އެއްގޮތަކަށެވެ. ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލްތަކުގެ އުމުރު ދިގު ދަންމާނުލެވޭނެ ކަމަށް އެންމެ މަތީކޯޓުން ފަހު ބަސް އިއްވުމާއެކު އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަތިޔާރު ބަހަައްޓައި ޖެހުނީ އަމާން ދޭށެވެ.

މީގެކުރިން ވެސް މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ސްޕްރީމް ކޯޓުން ހުކުމްކޮށް، މަޖިލީހަށް ވަނަ ނުދީ ހިފަަހައްޓާފައިވާތީ މެމްބަރުންގެ މެދުގައި އެބިރުވެރިކަން އޮވެ މަޖުބޫރީ ހާލަތުގައި ހަނގުރާމަ ހުއްޓާލައި އަމާންދިނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަަކަސް ސްޕުރީމް ކޯޓުގެ ރަނުން ރަނަށް އޮތް ސާފު ސީދާ ލަފަ އާއެކު ދުސްތޫރީ މައްސަލަ އަށް ހައްލެއް ލިބުނީއެވެ.

ސްޕުރީމްކޯޓުގެ ދައުރު ވަރަށް ފުރިހަމަ އަށް އަދާކޮށްފިއެވެ. ސްޕުރީމް ކޯޓުގެ ލަފަޔާއެކު ހަމަ އެރެއިން އެރެއަށް ޖަލްސާ ބާއްވައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޖަލްސާ ކުރިއަށް ގެންދަނީ ސްޕުރީމް ކޯޓުގެ ލަފަޔާ ޚިލާފަށް ކަމަށް ބުނެ އިދިކޮޅު މެމްބަރުން ހޯ ހޯ ގޮވަމުންދަނިކޮށް ގާނޫނު އަސާސީ އިސްލާހުކުރުމަށް މެންދަމުން އަލިވެ 3 ޖެހިއިރު މަޖިލީހުގައި ޖަލްސާ ބާއްވަައި މަޖިލީހުގެ ރައީސްގެ އަމުރުފުޅަށް މެމްބަރުން ލައްވައި އިދިކޮޅު މެމްބަރެއްގެ ގަޔަށް ލޮލަށް ބޮލަށް އަރައި ބަނޑު މުސާރަ އަށް ބައްދައި އޮޅުލައި ދަމާ ކޫއްތާފަ މަޖިލިހުން ނެރެ ހުރިހާ ދޮރުތަކެއް ތަޅުލައިގެން ތިބެ ސުޕަރ މެޖޯރިޓީގެ ބޭނުންހިފައިގެން ގާނޫނު އަސާސީ އިސްލާހުކޮށް ރިކޯޑެއް ހަދައިފިއެވެ.

އެވަރުން ނިމުނީއެއް ނޫނެވެ. ސަންސެޓް ގާނޫނެއް ހަދައި ކައުންސިލަރުންގެ އަތްފައި ބަދެ ކަސްތޮޅުވެސް އެޅުވީއެވެ. ސްޕުރީމް ކޯޓުން ކޮންމެ ލަފައެއް ދިނަސް ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި މަންދޫބުންނަށް ގޮތް ހުސްނުވާނެ ކަން މިއަދު ކަށަވަރުވެ ޔަގީންވެއްޖެއެވެ. އަބަދުވެސް ކުޅޭނީ ހަކުޅި ކުރިއަށް ކަމަށް ބުނެ މިފަހަރު ވެސް ކުޅިފަސް އެ ގެންދިޔައީ މަޖިލީހުގެ މެމްބަރުންނެވެ.

ކައުންސިލަރުންނަކީ ހަމައެކަނި ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން ރައްޔިތުންގެ ހައްގުގައި ކަމެއް ނުކުރާ ބައެއްކަމަށް ލޭބަލްކޮށް، ރައްޔިތުންގެ ނުރުހުމާ ނަފުރަތާ ކުރިމަތިލާން މިވަނީ މަޖުބޫރުވެފައެވެ. ފާސްކޮށްފައިވާ ޚާއްސަ ޤާނޫނުގައިވާ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި، ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރުމާއި، ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ލިބިގެންނެވެ.

މީގެ އެންމެ ހެއްވާ ކަމަކީ ރައީސް އެބިލް ތަސްދީގު ކުރާ ހިސާބުން އެބުނާ އެލްޖީއޭގެ ބޯޑްވެސް އުވިފައިވާތީއެވެ. އެހެންކަމުން ކައުންސިލަރުން ރައްޔިތުންނަށް ޚިދުމަތްތަށް ދިނުން ހުއްދަ ހޯދާނެ ފަރާތަކާއި މެދު މިވަނީ ސުވާލު އުފެދިފައެވެ. އާއެކެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި ގާނޫނީ ހުސްކަން ފޫބެއްދުނު ނަމަވެސް އެކަމުން ރައްޔިތަކަށް ލިބުނު ކުރިއެރުމެއް މޮޅެއް ފޮނިމީރު ކަމެއް ނެތެވެ. ރައްޔިތަކަށް ލިބުނު މޮޅެއް ނެތްތާނގައި ބަޖެޓްގެ ތާށިކަން މިހާބޮޑު ދުވަސްވަރެއްގައި ބަޖެޓު ކުރަންޖެހޭ ޚަރަދުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ.

ދެން މިހެން ބުނީމާ އެއްބަޔަކު ނުކުމެ ބުނާނީ އެއީ އިންތިގާލީ ވީމާ ވާގޮތް ކަމަށެވެ. އިންތިޚާބު ބޭއްވީމާ ދައުރު ނިމޭ ބަޔަކަށް ވާތީކަމަށެވެ. އެކަމަކު އިންތިގާލީގައި ރައްޔިތުންނާއި ކައުންސިލަރުން ތިބެންވީ ދެ އަތް އުރާލައިގެން ހެއްޔެވެ؟ އިންތިޚާބެއް ބޭއްވޭނެ އިރެއް ހަމަ އެކަކަށްވެސް އަދި ނޭނގެއެވެ. ދެން އެބުނާ ގޮތަށް ކައުންސިލަރުންނަށް މާބޮޑަކަށް ހެޔޮއެދިގެން މޮޅު ހޯދައިދޭން ދިން ހަދިޔާއަކީ މަހު މުސާރަ ނަގައިގެން ކޮންމެ ދުވަހަކު އޮފީހަށް ގޮސް ސޮއިކޮށްލާފައި އިސްދަށަށް ޖަހައިގެން ތިބެ ފާރުބުޑުން ބޮދައިގެން އައިސް ގޭ ދިމާއެނދަށް އަރައި ދޮރުތައް ތަޅުލައިގެން އޮށޯވެ ލައިގެން އޮތުން ކަމަށް ވާނަމަ ދެން ދަންނަވާނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ.

ކުޑަކާފު ބޮޑު ކާފު ކަތީބުން ތިބި ދައުރެކޭ މިހާރެކޭ އެއްވެސް ތަފާތެއް ނެތެވެ. ތަފާތަކީ ހަމައެކަނި ދައުލަތުގެ ބަޖެޓުން މުސާރަ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. ލާމަރުކަޒީ ނިޒާމުން ލިބޭނެ ކަމަށް ބުނި ފޮނިމީރު ކަމުގެ ބަދަލުގައި އެނިޒާމް މިވީ ހިތި ޚަބަރެއް ކަހަލަ އުދަނގޫ ތަކުލީފަކަށެވެ. މިއާއެކު ހަނދާނަށް އަންނަނީ މުސްކުޅިން ބުނާ މޮހުނަށް އޮޑި ދިންގޮތާއި ނާލާފުށީ ފަގީރަށް ގެރިދިން ހާދިސާއެވެ. މޮހުނަށް އޮޑި ބޭނުންކުރަންދިނީ އެއިން އެއްވެސް ބޭނުމެއް ނުހިފޭގޮތަށެވެ. ނާލާފުށީ ފަގީރަކަށް މީހަކު ގެރި އެއް ދިނީވެސް ހަމަ އެބީދައިންނެވެ. މިކަމުގައި އެންމެ އަޖައިބުވެ ހައިރާންވެ އަންތަރީސް ވާންޖެހޭ ކަމަކީ އޮޑިއަކީ ވެސް މޮހުނުގެ އަމިއްލަ މުދަލެއްގެ ގޮތުގައި އޮވެ ގެރިއަކީ ނާލާފުށީ ފަގީީރު ކޮއިގެ އެއްޗަކަށްވާއިރު އެއަށް އެއްވެސް ބާރެއް ފޯރުވުން ނުވަތަ މަންފާ އެއް ހޯދުމުގެ އެއްވެސް ހައިސިއްޔަތެއް އެދެ ފަރާތަކުން ކުރެ އެއްވެސް ފަރާތަކަށްނެތުމެވެ.

ގާނޫނީ ހުސްކަން ފޫބައްދައި ކައުންސިލަރުންގެ ދައުރު ދިގު ކޮށްފައިވަނީ މޮހުނަށް އޮޑި ދިންހެން ނުވަތަ ނާލާފުށީ ފަގީރަށް ގެރި ދިންހެނޭ ބުނަން ޖެހުނީ މިހެންވެގެންނެވެ. އާއެކެވެ. ގާނޫނީ ހުސްކަން ފޫބެދުނަސް ރައްޔިިތަކަށް ވީ ކަމެއް ހަމަ ހަތް ހަރާާމުން ހަރާމެވެ.! ރައްޔިތުންގެ ގާތަށް ރުޅިއަރުވައި ކައުންސިލަރުންނާއި މެދު ނަފުރަތު އުފެއްދުމަށް ތިޔަަގޮތަށް ރަނގަޅީ ގާނޫނީ ހުސްކަން ފޫނުބެއްދިިއްޔާއެވެ. ވަރަށް ސަލާމެވެ.!



ކިޔުންތެރިންގެ ހިޔާލު


-4

ނިޔާޒް

05-Jun-2020

ޥަރަށް މަޖާޒީ ފުރިހަމަ ރިޕޯޓެއް, ޝައުގުވެރިކަމާއެކު ކިޔުނު ރިޕޯޓެއް


-11

އަހުމަދު

05-Jun-2020

ޥަރަށް ށަލި ފުރިހަމަ ރިޕޯޓެއް, ހަމަ ހަގީގަތް ރިޕޯޓްގައި އޮތީ ސާބަސް!



ޓްރެންޑިން