ކުރީގެ މަޝްހޫރު ފިލްމީ ތަރި ހުސެއިން ޞަބާޙް
ކުރީގެ މަޝްހޫރު ފިލްމީ ތަރި ހުސެއިން ޞަބާޙް
ފުލުހުން އަތުލައިގަތް 12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގ. ޕާކަރހައުސް ޙުސައިން ޞަބާހްގެ ބައި އިތުރަށް ތަޙްޤީޤުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފުލުހުންނަށް ލަފާދީފިއެވެ.

މި މައްސަލާގައި މީގެ ކުރިންވެސް ހައްޔަރަށް ނުވާގޮތަށް ހަތަރު ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށަށް ޞަބާޙް ގެންގޮސްފައިވެއެވެ. މީސް މީޑިޔާގައި ކުރީގެ ފިލްމީ ތަރި ހުސައިން ޞަބާޙް މީގެކުރިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ އޭނާގެ ލޯންޗު 46،800 ރުފިޔާއަށް ކުއްޔަށް ދޫކުރި ކަމަށާއި، އެ ދަތުރަށް ދޫކުރި ފަހުން ލޯންޗުގެ އިންޖީނު ހަލާކުވެގެން ގުޅި ކަމަށެވެ. އޭގެ ފަހުން ހުޅުމާލެ ފަޅަށް ލޯންޗު ވަތްކަމުގެ މައުލޫމާތު ލިބިގެން ގޮސް ހުއްޓާ އެ ލޯންޗުން މަސްތުވާތަކެތި ފެނުނު ކަމަށް ޞަބާޙް ބުނެފައިވެއެވެ.

ލޯންޗުން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާއި ގުޅުމެއް ނެތް ކަމަށާއި، އެމައްސަލައިގައި ހަތަރު ގަޑިއިރަށް ސުވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ޞަބާޙް ވަނީ ބުނެފައެވެ.

ޕީޖީން މިއަދު ޢާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމްއާއި ނ.ވެލިދޫ، މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފްއާއި، އިންޑިޔާ ރައްޔިތެއްކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީއާއި ގ. ޕާކަރހައުސް ހުސައިން ޞަބާހް 14 މާރިޗު 2022ވަނަ ދުވަހު ދިވެހިރާއްޖެއަށް ބަރުދަނުގައި 12 ކިލޯ ހުންނަ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިިގައި ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ.

ޕީޖީން ބުނީ މި މައްސަލާގައި އިންޑިޔާ ރައްޔިތެއްކަމަށްވާ ސުމޭޝް ކޭއޭ ކްރިޝްނަން ކުޓީގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް 19 މޭ 2022 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މައްސަލާގައި ހިމެނޭ ނ.ވެލިދޫ، މަރިޔާޒް، މުޙައްމަދު ޢަބްދުއްލަޠީފްގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައި ޑްރަގް ކޯޓަށް ވަނީ ހުށައަޅާފައެވެ.

އޭގެ އިތުރުން ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ކަވްސަރު އަލަމްގެ މައްޗަށް ޖިނާއީ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ، އޭނާގެ ބައި އަނބުރާ ފޮނުވާލައި، އޭނާ ދިވެހިރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގައި ދެންނެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ގ. ޕާކަރހައުސް ހުސައިން ޞަބާހްގެ ބައި އިތުރަށް ތަޙްޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާކަމަށްވެސް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.

މިމީހުންގެ ތެރެއިން ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައެވެ. އަދި ދެންތިބި ދެމީހުން ކޯޓަށް ޙާޟިރުކުރުމެއް ނެތި ފުލުހުންގެ ބަންދުންވަނީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން