ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށާއި އެހީ ހޯދުމުގެ ކަންކަން ވިލަރެސް ކުރުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހަމަޖައްސަވައިފިއެވެ.

ރައީސް ނަޝީދަށް މި މަސްއޫލިއްޔަތު ހަވާލު ކުރައްވާފައިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. ރަނިލް ވިކްރަމަސިންހަގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ރަނިލްއާއި ރައީސް ނަޝީދާއި ދެމެދު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މި މަޝްވަރާތަކުގައި ލަންކާއަށް ބޭރު ގައުމުތަކުގެ އެހީ ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ކަމަށާއި އެ ހުށަހެޅުން ބޮޑުވަޒީރު ރަނިލް ގަބޫލުކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައިވާކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ އެ ހުށަހެޅުއްވުން ގަބޫލުކުރައްވައި އޭގެ އިތުރަށް ބޮޑުވަޒީރު ރަނިލް ވަނީ، އެގައުމަށް އެހީ ހޯދުމަށް ކުރެވޭ މަސައްކަތް ވިލަރެސް ކުރުމަށް ރައީސް ނަޝީދު ހަމަޖައްސަވާފައެވެ.

އަދި މިކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް މިހާރުވަނީ ކަށަވަރު ކޮށްދީފައެވެ.

ލަންކާ އިގުތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން އަންނަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެގައުމުގެ އާ ބޮޑުވަޒީރު ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އެ ހާލަތުން އަރައިގަތުމުގައި އެހީޔެރިވެ ދިނުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލަންކާއަށް ކުރިމަތިވި މި އިގްތިޞާދީ ހާލަތާއެކު ގައުމުގެ ސިޔާސީ މަޝްރަހަށް ވެސް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. އެއާއެކު ސަރުކާރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު