އެމްޓީސީސީގެ އަމާޒަކީ މިއަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުންކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ، ކުރިން އެމްޓީސީސީއަކީ އަހަރަކު 50 މިލިއަނުގެ ފައިދާވާ ކުންފުންޏެއްކަމަށާ، ނަމަވެސް މިހާރު އެމްޓީސީސީގެ ފައިދާ ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން ކޮންމެ އަހަރަކުވެސް އަމާޒު ހިފަނީ ކުރީއަހަރަށްވުރެ 50 މިލިއަން އިތުރަށް ފައިދާ ހޯދުމަށްކަމަށެވެ.

އާޒިމް ވިދާޅުވީ މިދިޔަ އަހަރު އެކުންފުންޏަށް 270 މިލިއަނުގެ ފައިދާވެފައިވާއިރު މިއަހަރު އެމްޓީސީސީގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއާއިއެކު އަހަރު ނިންމާލުންކަމަށެވެ.

"2020ވަނަ އަހަރު އަމާޒުހިފީ 200 މިލިއަނަށް. އެއަހަރު އަޅުގަނޑުމެންނަށް 224 މިލިއަނުގެ ޕްރޮފިޓެއްގައި ނިންމުނު. ދެން އަޅުގަނޑުމެން އަމާޒުހިފީ 2021 ވަނަ އަހަރު 250 މިލިއަނުން ނިންމުމަށް އެގޮތުގެ މަތިން އަޅުގަނޑުމެންނަށް މި ނިންމުނީ 270 މިލިއަނުގެ ޕްރޮފިޓެއްގައި. އަޅުގަނޑުމެން 2022 ގެ އަމާޒަކީ 300 މިލިއަނަށްވުރެ ބޮޑު ފައިދާއަކާއިއެކު ނިންމުން. އަދި ނިންމާފައި 2023 ވަނަ އަހަރަކީ 350 މިލިއަނަށްވުރެ މަތީ ފައިދާއަކުން ނިންމުން." އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކައިގައި ކުރިން 1500 މުވައްޒަފުން އެމްޓީސީސީގައި ތިބިއިރު މިއަދު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 3600 އަށް އިތުރުވެފައިކަމަށެވެ. އަދި ކުރިން އެއްފަހަރާ 20 ޕްރޮޖެކްޓް ހިންގޭއިރު މިއަދު އެމްޓީސީސީއަށް އެއްފަހަރާ 100 ޕްރޮޖެކްޓް ހިންގޭކަމަށް އާޒިމް ވިދާޅުވިއެވެ.

މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ 21 އިންސައްތަ އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުން ދައްކާގޮތުން 2021ވަނަ އަހަރު އެމްޓީސީސީން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ވަނީ ކޮށްފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު އެމްޓީސީސީއަށް ޖުމްލަ 1.38 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.71 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު