ދަރަނީގެ މައްސަލަ ބޮޑުވެ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބު ކަމަށްވާ، ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބު އަލުން ވުޖޫދަށް ގެނައުމަށްޓަކައި، ހާއްސަ ކޮމެޓީއަކުން އެ ކުލަބުގެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި، ބޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކުލަބު އަލުން ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރާ އިންޓެރިމް ކޮމެޓީން ބުނީ، ކުލަބުގެ ބޯޑުގެ މެންބަރަކަށް ވުމަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، އަލަށް ކުރިމަތިލާ ފަރާތްތަކާއިއެކު ބޯޑު އެކުލަވާލުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުކަމަށް މިކަމުގައި އިސްކޮށް އުޅުއްވާ މުރުޠަލާ ވިދާޅުވިއެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ ޖެނުއަރީ 2019 ގައެވެ. ނިއު ސަސްޕެންޑްކުރީ އެ ޓީމުގެ ކޯޗުންނަށާއި ބޭރު އަދި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވިގެންނެވެ. އެފްއޭއެމުން އެ ކްލަބަށް ދިން މުހުލަތުތަކުގައި ވެސް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ދެވިފައެއްނުވެއެވެ. އޭގެ ފަހުން ފީފާގެ ޓްރާންސްފާ ބޭން އެއްވެސް އެ ޓީމަށް ކުރިމަތި ވިއެވެ.

މި މައްސަލައަށް ހައްލެއް ނުލިބިވަނިކޮށް ނިއުރޭޑިއަންޓްގެ ސަޕޯޓްރުންގެ ތެރެއިން ބަޔަކު ދާދިފަހުން ރޭޑިއަންޓް ސްޕޯޓްސްގެ ނަމުގައި ކުލަބެއް އުފައްދައިގެން ނިއުރޭޑިއަންޓްގެ ސަޕޯޓަރުންގެ އުއްމީދުތައް އާކޮށްދިނުމަށް ކުރަން އުޅުނު މަސައްކަތް ވެސް ވަނީ އެފްއޭއެމުން ހުއްޓުވާފައެވެ. އެފްއޭއެމުން ބުނަނީ ރޭޑިއަންޓަކީ ހަމަ ދެވަނަ ނިއުރޭޑިއަންޓް ކްލަބް ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ބެލެވެނީ ނިއުގެ ބޯޑުގައި ވެސް ހިމެނުނު ބައެއް މީހުން ރޭޑިއަންޓްގެ ހިންގާ ބޯޑުގައި ހިމެނުމާއި ޓީމުގެ ނަން އެއްގޮތް ވުމާއި ލޯގޯގައި ވެސް ނިއުރޭޑިއަންޓާއި ވަރަށް އެއްގޮތް ގޮތްތަކެއް ހުރުމާއި ދާދި އެއްކުލަތަކެއް ބޭނުންކޮށްފައި ވުމުންނެވެ. މިއާއެކު ރޭޑިއަންޓަކީ ނިއުރޭޑިއެންޓްގެ ބަދަލުގައި އުފެއްދި ޓީމެއް ކަމަށް ނިންމައި، އަދި އެ ޓީމަކީ ނިއުރޭޑިއަންޓުކަމަށް ބުނެ ކަމާއިބެހޭ އިދާރާތަކުން ރޭޑިއަންޓް ބަލައިގަންނަން ވެސް ވަނީ ދެކޮޅު ހަދާފައެވެ.

ނަމަވެސް، ނިއުރޭޑިއަންޓު އަލުން ވުޖޫދު ކުރުމަކީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އިންތިހާއަށް ބޭނުންވާ ކަމެއްކަމަށްވާތީ އެކުލަބު ދަރަނިން ސަލާމަތްކޮށް އަލުން ކުލަބު ކޮޅަށް ޖެހުމަށް ހާއްސަ ކޮމެޓީއެއްގެ ދަށުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. ނިއުރޭޑިއަންޓަކީ އެތައް ދިވެހިންނެއްގެ ލެޔާއި ގުޅިފައިވާ ކުލަބެކެވެ. އެހެންކަމުން އެ ކުލަބު ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށާއި އެކަން ކުރަންވީ ގޮތްތައް ރޭވުމުގެ ކަންކަން މިހާރުވެސް ކުރިޔަށް ދާކަމަށް މިކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން