ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ ބައްދަލުކުރައްވައިފި އެވެ.

ލަންކާއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ސިރިސޭނާއާ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ލަންކާއަށް މިހާރު ދިމާވެފައިވާ އުނދަގޫ ހާލަތާއި ގުޅޭގޮތުންނާއި އަދި ލަންކާގެ ކުރިމަގަށް ހުރިހާ ޕާޓީތަކެއް ވެސް އެއް އަމާޒެއް ގެންގުޅުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.



މި ދަތުރުފުޅުގެ ތެރެއިން ރައީސް ނަޝީދު އިއްޔެ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ވެސް ބައްދަލުކުރެއްވި އެވެ. އެގޮތުން އެ ބައްދަލުވުމުގައި ލަންކާއަށް މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ރަނިލް އާއި ރައީސް ނަޝީދާއި ދެމެދު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.

މި މަޝްވަރާތަކުގައި ލަންކާއަށް ބޭރުގެެ އެހީ ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ރައީސް ނަޝީދު ހުށައެޅުއްވުމުން ރަނިލް ވަނީ އެހީ ހޯދުމަށް ކުރެވޭ މަސައްކަތް ކޯޑިނޭޓް ކުރުމަށް އެމަނިކުފާނު އައްޔަންކުރައްވާފައެެވެ.

ލަންކާ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މިހާރުގެ ހާލަތުން އަރައިގަތުމަށް ލަންކާއަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު