އިންޑިއާ އައުޓް ކެމްޕޭން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ. މީގެ ކުރިން ވެސް މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުން ވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މުޙައްމަދު އިސްމާއީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނީ އާންމު މަސްލަހަތު ރައްކާތެރިކުރުމާއި، ރައްކާތެރިކަން އޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވާ ކަންކަން ދުރާލައި ދެނެގަނެ އެކަންކަން ހުއްޓުވުމަކީވެސް ފުލުހުންގެ ޒިންމާއެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ މުހައްމަދު އިސްމާއީލަކީ އިންޑިއާ އައުޓް ހަރަކާތް ރާވައި އިންތިޒާމުކޮށް، އެ ހަރަކާތަށް ބޭނުންކުރާ ބެނާތަކާއި ޓީޝާޓުތައް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި، އޭނާގެ އެ އަމަލުގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާމެދު ނަފުރަތު އުފެދި ދިވެހިރައްޔިތުންނަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

މުހައްމަދު އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަނޑިޔާރު ވިދާޅުވީ ޖިނާއި ތުހުމަތެއްގައި މީހަކު ބަންދުގައި ބަހައްޓަން ބޭނުންވާނެ ހެކީގެ އެންމެ ދަށް މިންގަނޑުންވެސް މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހެކި ހުށަހެޅިފައި ނުވާކަމަށެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުން ޖިނާއީ ކުށްތަކަކަށް ތުހުމަތުކޮށްފައިވާއިރު އެއިން އެއްވެސް ކުށެއް މުހައްމަދު އިސްމާއިލް ކޮށްފައިވާކަމަށް ކޮންމެވެސް މިންވަރަކަށްވެސް ހެކި ހުރިކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން މުހައްމަދު އިސްމާއިލް ވަގުތުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ.

އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅިގެން ޕީޕީއެމް އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވެސް ވަނީ ހައްޔަރުކޮށްފައެެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު