ކުރީގެ ރައީސް ޔާމީންގެ ހައްޔަރު ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހުގެ ފާރަށް ޕޯސްޓަރެއް ސްޕްރޭ ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މެއި 16 ވަނަ ދުވަހުއެވެ.

އެމީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ. އެ ފަސް ދުވަސް ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ފުުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު