ގއ. ވިލިގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފަސް މީހުންނާއެކު ގއ. ވިލިގިއްޔަށް ދަތުރުކުރި ލޯންޗް އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުފައިކަށީގައި ޖެހި މިރޭ ހިނގި މި އެކްސިޑެންޓްގައި ދެމީހަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިލީ، ދޫރެސް މިސްބާހު މުހްސިނާއި ނ. ލަންދޫ އުރަހާ، މުހައްމަދު ޝާފިއު އެވެެ.

މިސްބާހަކީ އެކްސިޑެންޓްވި "ނީމޯ" ލޯންޗުގެ ވެރި މީހާ އެވެ. ފުލުހުން ބުނީ ލޯންޗުގައި ތިބި ތިން މީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އެ ތިން މީހުންނަަށް ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް އެވެެ.

އެހާދިސާގައި އަނިޔާވި އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. ފުލުހުން ބުނީ އެ ތިން މީހުން ވެސް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މިހާދިސާ ހިނގަން މެދުވެރި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު