ރާއްޖެއިން އިންޑިޔާ ސިފައިން މިހާރު ފޭބިތޯއޭ ވިދާޅުވެ އަދާލަތު ޕާޓީގެ އިލްމްވެެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒު ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ސުވާލު ކުރައްވައިފިއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް މިހެން ވިދާޅުވީ އިދިކޮޅު ޕީޕިއެމް/ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓު" ހަރަކާތް ކާމިޔާބުވެ މިހާރު އިންޑިއާ މިލިޓަރީ އައުޓުވެ ނިމިފައިވާކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ރޭ ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ. އެކަމާ ގުޅިގެން ޑރ. އިޔާޒް ވަނީ އިންޑިޔާ ސިފައިން މިހާރު ރާއްޖެއިން ފޭބީތޯ ވިދާޅުވެ އާދަމް ޝަރީފަށް ސުވާލެއް ކުރިމަތި ކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންޑިޔާ އައުޓު ހަރަކާތަކީ މި ސަރުކާރުން އެންމެ ޖެހިލުންވާ ހަރަކާތް ކަމަށާއި، އެކަން ޕީޕީއެމްގެ ޓީމުން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާ މިލިޓަރީ އައުޓުވެ ނިމި އިންޑިއާ ސިފައިންގެ ކަންތައްތައް މިހާރު ނިމިއްޖެ ކަމަށާއި ދެން އޮތީ ކަހަންޖެހޭ ކުނިތައް ކެހުންކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

"އިންޑިޔާ އައުޓު ވެއްޖެ މިހާރު. އިންޑިޔާ މިލިޓަރީ ސިފައިންގެ ކަންތައްތައް މިހާރު ނިމެނީ. ކަހަންޖެހޭ ކުއްޏެއް ކަހައި ސާފުކުރަންވީ ދެން. އިންޑިޔާ މިލްޓަރީ މިހާރުވަނީ އައުޓުވެފަ. ދެން އޮންނާނީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ވެރިކަމެއް." ޝަރީފް ވިދާޅުވިއެެވެ.

ރޭ ޕީޕިއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރ ރައީސް ޔާމިން ވިދާޅުވީ، އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން އުޅެނީ އިންޑިޔާއިން ހިންގާ ޖަރީމާތައް ބޭރު ދުނިޔޭގެ ސަމާލު ކަމަށް އައިސްދާނެތީ ކަމަށެވެ. ރާއްޖޭގައި އިންޑިއާއިން ހިންގަމުންދާ ޖަރީމާތައް ދުނިޔޭގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ އިންޑިއާގެ ދަށުވެފައިވާ މިންވަރުން ކަމަށް ވިދާޅުވެ ރައީސް ޔާމިން ރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު