ރައްޔިތުންގެ ހައްގުގައި މަޖިލީހަށް ހުށަހަޅާ ކަންކަމަށް އެންމެ ކުޑަމިނުން ބަހުސްކޮށްލުމުގެ ފުރުސަތުވެސް ނެތްކަމަށް ވިދާޅުވެ، އެ ފުރުސަތު ދެއްވުމަށް އެމްްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފް މިކަމަށް ގޮވާލައްވާފައި މިވަނީ ޕެންޝަނާއި ގުޅޭ ކަންކަމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރުމުގެ ފުރުސަތު ދިނުމެއް ނެތި ބޭރުކޮށްލުމުންނެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީކުރުވުމަށް މަގުމަތީގެ ހަރަކާތްތަކުގެ އިތުރުން މަޖިލިސް ތެރެއިންވެސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އެމްއެންޕީން މަޖިލިސް ތެރެއިން މަސައްކަތްތަކެއް ކުރެވޭތޯ ދަނީ މަސައްކަތްކުރަމުންކަމަށާއި، އެގޮތަށް މަސައްކަތް ކުރާއިރު ރައްޔިތުންނާއި ގުޅުންހުރި ކަންކަން ހުށަހެޅުމުން ބަހުސްކޮށްލާނެ ފުރުސަތުވެސް މަޖިލީހުން ނުލިބޭކަމަށް ޝަރީފް ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއެއްގައި އޮވެގެން ނެތް ކުރިއަށް އޮތްތާނގައި މަސައްކަތް ކުރެވޭކަށް. އެމްއެންޕީން ހުށަހަޅާ ކަންކަމާއި މެދު މަޝްވަރާކުރުމަށް ވަގުތު ދެއްވުމަށް ގޮވާލަން. އެކަންކަން މި ހުށަހަޅަނީ އަމިއްލަ ފައިދާއަކަށް ނޫން. ރައްޔިތުންގެ ހައްގުގައި. ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެއްޖެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ އަތްޕުޅުގައޭ. 65 މެމްބަރުންނާއި މަޖިލީހުގެ ހުރިހާ ބާރެއް އޮތީ ވަކި ޕާޓީއެއްގައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕެންޝަނާއި ގުޅިގެން އެމްއެންޕީން ހުށަހެޅި މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮވެގެން ހުށަހެޅި މައްސަލައެއްކަމަށެވެ. އަދި އެމްއެންޕީން ހުށަހަޅައިގެން އެކަން ކުރަން ދެކޮޅު ހަދާކަމުގައިވާނަމަ، މެޖޯރިޓީ އޮތް ފަރާތްތަކުން އެކަން ކޮށްދެއްވުމަށް ޝަރީފް ގޮވާލެއްވިއެވެ.

ޕެންޝަނާއި ގުޅޭގޮތުން އެމްއެންޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ޕެންޝަން ގާނޫނުން ޕެންޝަންގެ ހައްގުވެރިންނަށް ލިބެން ޖެހޭ ކަމަށް ބުނާ ކަންކަން އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަމަށް އެ ޕާޓީން ކުރި ދިރާސާއަކުން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ 5،000 ރުފިޔާ ޕެންޝަންގެ ހައްގުވެރިންނަށް ނުލިބޭކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު