ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެދަށުން ޅ. ހިންވަރާއި އއ. ބޮޑުފޮޅަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ ހިންނަވަރުގައި މި މަހު 21 ވަނަ ދުުވަހު ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސައްކަތްކުރާ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. އެގޮތުން އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ކުޑަ ރަބަރު ޕެކެޓާއި، ޖޫސްޕެޓީ ސައިޒްގެ ޕެކެޓެއް ފެނިފައިވެއެވެ.



މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަސް ދީފައިވެއެވެ.



އޭގެ އިތުރުން، ހިންނަވަރުގައި މަސައްކަތްކުރާ ފުލުހުން މި މަހު 20 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރި އިރު 24 ދަޅު ބިޔަރު ފެނިފައިވެއެވެ.



މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.



ބޮޑުފޮޅަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މަތިވެރި ޕޮލިހުން ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ.



މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޮޑުފޮޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް އަށް ދުވަސް އަދި 30 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.



މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން