ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 75 ވަނަ ވާރލްޑް ހެލްތު އެސެމްބްލީ ފަށައިފިއެވެ.

ދުނިޔޭގެ 194 ގައުމަކުން ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެން ބައިނަލްއަގުވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ މި ބައްދަލުވުންތައް މިއަދު ފަށާފައިވާއިރު، މި އަހަރުގެ ބައްދަލުވުން ކުރިޔަށް ދާނީ 7 ދުވަހުގެ މުއްދަތަށް، ސްވިޒަރލޭންޑްގެ ޖެނީވާގައެވެ.  

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި، ގައުމުތަކުގެ ވަޒީރުން ތަގުރީރު ކުރެއްވުމަށް ހާއްސަ ކޮށްފައިވާ މައުޟޫއަކީ "ހެލްތު ފޯރ ޕީސް، ޕީސް ފޯރ ހެލްތު" އެވެ. މިމައުޟޫއަށް ހެލްތު މިނިސްޓަރ ނަސީމް ވެސް ތަގުރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، މި ބައްދަލުވުމުގައި ސިއްހީ ދާއިރާއިން ހާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްހީ ދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާމެދު ގައުމުތަކުގެ މެދުގައި މަޝްވަރާކުރާނެއެވެ.

ހާއްސަކޮށް ކޯވިޑްގެ ހާލަތުން އަރައިގަތުމާއި އަދި ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޯންސްއާ ގުޅޭގޮތުންނާއި ސަސްޓެއިނަބްލް ފިނޭންސިންގ އާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި ޕަބްލިކް ހެލްތާއި ހެލްތުކެއަރ ސަރވިސަސްއާއި ހެލްތުކެއަރ ވަރކްފޯސްއާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެސެމްބްލީގެ ތެރެއިން، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ، ސްޓޮޕް ޓީބީ އަދި ގްލޯބަލް ފަންޑާއެކު ބައްދަލުވުންތައް ބޭއްވުމަށް ވެސް ހަމަޖެހިފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް: ހެލްތު ފޯ އޯލް ޗެލެންޖް"ގެ ނަމުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ހެލިފެލިވެ އުޅުމަށް ބާރުއެޅުމުގެ މަގުސަދުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. މިއަދު ހެނދުނު ބޭއްވި މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފުދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު