މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތް "މަދަހަ ރަންއަޑު" ގެ ސީޒަން 3 ގެ 1 ވަނަ އާއިޝަތު ޒަހާ ޝަހީމް ހޯދައިފިއެވެ.

2020 އަހަރުން ފެށިގެން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބާއްވަމުން އަންނަ މި މުބާރަތުގެ އިނާމު ދިނުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެރޭ ވަނީ ބާއްވާފައެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން 95 ބައިވެރިން މަދަހަ ކިޔާފައިވާ މިފަހަރުގެ މުބާރާތް ބާއްވާފައިވަނީ ދިވެހި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އެހީތެރިކަމާއިއެކު ވީޓީވީ އާއި އެމްއެމްއޭސީ ގުޅިގެންނެވެ.

މިޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ ޢަރަބިއްޔާގެ ސަފީރު މަތްރިކް އަލް ދޮސަރީ އެވެ. މީގެ އިތުރުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ސްޓޭޓް މިނިސްޓަރުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ފަންނީ ދާއިރާގެ އިސް ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ މަދަހަ ރަން އަޑުގެ ވެރިއަކަށް ހޮވިފައިވާ އާއިޝަތު ޒަޔާ ޝަހީމަށް ރަޢީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ސައުދީ އެމްބަސީން ދެއްވާ ކްރިސްޓަލް ޓްރޮފީއާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ދެއްވާ އިނާމު ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާގެ ސަފީރާއި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

އަމިއްލަ ރާގުގެ މަތީ ވަނަތަކަށް އިނާމުދެއްވީ އަމިއްލަ ރާގުގެ ފޯރި ދިވެހިރާއްޖޭގައި އުފެއްދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، ރާގު އުފެއްދުމުގެ ރޮނގުން ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ ރާގުވެރިޔާ، ޅެންވެރިޔާ އަދި މަޝްހޫރު ފަންނާނު މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުގެ ޗެއާމަން ޢަލީ ޢަބްދުލްކަރީމެވެ.

މުޅި މުބާރާތުން 1 ވަނަ ބައިވެރިޔަކަށް އާއިޝަތު ޒަޔާ ޝަހީމް ހޮވިފައިވާއިރު 2 ވަނަ އަށް ގޮސްފައިވަނީ ޒުވައިލް ޢަލީ ޠާރިޤެވެ. އަދި 3 ވަނަ އަށް ގޮސްފައިވަނީ މުޝާތް މުސްތާޤެވެ.

މަދަހަ ރަން އަޑު ސީޒަން ތަކުގައި އަތޮޅުފެންވަރުންނާއި ރަށު ފެންވަރުގެ ބައިވެރިނަށް ވަކިން ވަނަތަކަށް ވާދަކުރެވޭ ގޮތަށް ބޭއްވި މިބައިގެ ވަނަ ތަކަށް އަންނަ ބައިވެރިން ހޮވަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެގޮތުން، ބެލުންތެރިންގެ ހޮވުމުގެ ބައިން އަތޮޅު ފެންވަރުން 1 ވަނަ ހޯދާފައިވަނީ ކ. އަތޮޅުން ވާދަ ކުރި އަޖްނާ ފާރިޒް ނިޒާރެވެ. 2 ވަނަ ހއ. އަތޮޅުން ވާދަ ކުރި ޢަހްމަދު ލުޔޫން އަމްޖަދު ހޯދި އިރު 3 ވަނަ ލިބުނީ ފ. އަތޮޅުން ވާދަ ކުރި އިސްރާ ބިންތި މުޙައްމަދު ޝިފާންއެވެ.

މުޅި މުބާރާތުގެ ރަށު ފެންވަރުން، ބެލުންތެރިންގެ ހޮވުމުން މުޅި މުބާރާތުގެ ރަށުފެންވަރުން 1 ވަނަ އަށް ގޮސްފައިވަނީ ގއ. ފަރެސްމާތޮޑާ އާއިޝާ ޒާޙިދެވެ. 2 ވަނަ ސ. ހިތަދޫ މަރްޔަމް އަޝާ ލަތީފް ހޯދިއިރު 3 ވަނަ ހޯދާފައިވަނީ ޅ. ކުރެންދޫ ޢާއިޝަތު އަޝާ ޒިޔާދެވެ.

އިނާމު ދިނުމުގެ ޖަލްސާ ނިންމާލުމުގެ ކުރިން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ވަނީ މަދަހަ ރަން އަޑު ސީޒަން 4 އިއުލާނު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު