އަހުމަދު މަސްނޫމް   23 މޭ 2022 - 20:28
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ފައްޔާޒު އިސްމާއިލް މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ފައްޔާޒު ވަނީ އެމްޑީޕީގެ ގުނަންތަކުގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.



އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގާއި، ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި، ޗެއާޕާސަންގެ ދެ ނައިބުން ކަމަށްވާ އަހްމަދު އަބްދުﷲއާއި އަލީ ނިޔާޒުގެ އިތުރުން އަންހެނުންގެ ރޫހުގެ އާ ރައީސް ރޮޒައިނާ އާދަމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އައިމިނަތު ރިފްގާ ބައިވެރިވެވަޑައިގެންނެވި އެވެެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ މައްޗަށް ކުރި ހޯއްދަވައިގެންނެެވެ. ފައްޔާޒު އިސްމާއިލް އިންތިޚާބު ކާމިޔާބު ކުރެއްވީ 58 އިންސައްތަ ވޯޓް ހޯއްދަވައިގެންނެެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާއިން ފައްޔާޒު ވަނީ 27،841 ވޯޓު ހޯއްދަވާފައެވެ. އޭނާ އާއި ވާދަކުރެއްވި އިންތިއަށް ލިބިވަޑައިގަތީ 20،425 ވޯޓެެވެ. އެއީ އިންތިޚާބުގައި ވޯޓް ދިން މީހުންގެ 42 އިންސައްތަ ވޯޓެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަގާމަކީ ފަސް އަހަރަށް އިންތިޚާބުކުރާ މަގާމެކެެވެ.



ކިޔުންތެރިންގެ ހިޔާލު