ރާއްޖެއިން މިއަަހަރު ޙައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޫކުރާނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖެއިން މިއަަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ދީފައިވަނީ 453 ކޯޓާއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މަދުން ކޯޓާ ލިބިފައިވުމާއި، ވަގުތު ކުޑަތަންވުމުގެ ސަބަބުން ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ކޯޓާ ދިނުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަދިވެސް އިތުރަށް ކޯޓާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިއަހަރު ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ހައްޖުގައި ބައިވެރިކުރުވާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.

ނަމަވެސް 2020 ވަނަ އަހަރު ކޯވިޑް އެންމެ ގަދައަށް ފެތުރުނުއިރު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އަދި މިދިޔަ އަހަރު 60000 މީހުންނަށް ފުރުޞަތު ދިނުވެ.

ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނީޝިއާއަށެވެ. އެޤައުމަށް 100051 ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ، އިންޑިއާއަށް 79،237 ކޯޓާ، ބަންގްލަދޭޝްއަށް 57،585 ކޯޓާ އަދި ނައިޖީރިއާއަށް 43،008 ކޯޓާއެވެ.

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު