ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްއެންޕީން ނިންމައިފިއެވެ.

އާންމުންނަށް ނޭނގި އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ އަދި ޕާޓީން އުނިކޮށް ހަދާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން އެމްއެންޕީގެ ނާއިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު މިއަދު ވިދާޅުވީ، ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޫކުރާގޮތަށް އޮންނަނަމަ، އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ހައްލު ނުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު އޮންނަ ގޮތަށް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިގެން ފައިސާ ދިނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.



"ޕާޓީތަކުގެ ދަފްތަރަށް ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާދޭހާ ދުވަހަކު މިކަންމިގޮތައް ހިގާނެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހުކުރަން އެމްއެންޕީން ބިލެއް ވަރަށް އަވަހަށް މަޖިލިހަށް ހުށަހަޅާނަން." ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭނެއެވެ. އެކަމަކު އެ ފައިސާ ލިބޭނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށެވެ. އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު އެކަނި ވެސް 30.2 މިލިއަން ރުފިޔާ ދޫކޮށްފައިއެވެ.



ކިޔުންތެރިންގެ ހިޔާލު